12 އެޕްރީލް 2019 - 07:53

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝަން ގާނޫނީ ވަކީލަކަށް ވާން ގާނޫނީ ދާއިރާ އިން ކިޔަވަމުން އަންނަ ކަމަށް ބުނެފި އެވެ.
ރެޕާ ކަންޔޭ ވެސްޓްއާ ކައިވެނިކޮށްގެން ތިން ދަރިން ތިބި 38 އަހަރުގެ ކިމް ވޯގް މަޖައްލާ އަށް ދިން އިންޓަވިއެއްގައި ބުނީ ގާނޫނީ ދާއިރާ އިން ކިޔަވަނީ ސެން ފްރާންސިސްކޯގެ ލޯ ފާމަކުން ކަމަށާއި އެތަނާ ގުޅުނީ ހަތަރު އަހަރުގެ ޕްރޮގްރާމެއްގައި ކަމަށެވެ.
އެގޮތުން އޭނާ ބައިވެރިވާ ފުރަތަމަ އިމްތިހާން އޮންނާނީ 2022 ގަ އެވެ.
"މިދިޔަ ހޫނު މޫސުމުގައި އަހަރެން ލޯ އެޕްރެންޓިސްޝިޕްގައި ބައިވެރިވީ. ހަގީގަތުގައި މިއީ އަހަރެން ވަރަށް ކުރަން ބޭނުންވެފައި ހުރި ކަމެއް،" ކިމް ބުންޏެވެ. "އަހަރެން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކޮންމެވެސް އެއް ދުވަހަކުން ލޯޔަރަކަށްވުމަކީ."
އޭނާ ވަނީ މީގެ ކުރިން ބައެއް ކަހަލަ މައްސަލަތަކުގައި ގާނޫނީ ގޮޅިއަށް ފެތުނު ބައެއް މީހުންނަށް އެހީތެރިކަން ވެސް ފޯރުކޮށް ދީފަ އެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި 21 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރި 63 އަހަރުގެ އަންހެނަކު ސަލާމަތްކޮށްދޭން ކިމް ވަނީ މިދިޔަ އަހަރު ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.
އޭގެ ފަހުން އޭނާ އަންނަނީ ގާނޫނީ މައްސަލަތަކުގައި ލޯޔަރުންނާއި އެކްޓިވިސްޓުންނާ އެކު ވަރަށް ގާތުން މަސައްކަތް ވެސް ކުރަމުންނެވެ.