11 އެޕްރީލް 2019 - 11:54

ނިއު ދިއްލީ (އެޕްރީލް 11) - ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ދެމިގެންދާ އިންޑިއާގެ އާއްމު އިންތިޚާބުގެ ފުރަތަމަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕާލަމެންޓުގެ ދަށު ގޭގެ ވޯޓުލުން މެއި މަހު 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. ވޯޓު ގުނާ ދުވަހަކީ މެއި 23 އެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިގެންވެ އެވެ.

މިއަދު ވޯޓުލާން ހަމަޖެހިފައި ވަނީ އަންދުރަ ޕްރަދޭޝް، އަރުނަޗަލް ޕްރަދޭޝް، އާސާމް، ބިހާރު، ޗަޓިސްގަރް، ޖައްމޫ އެންޑް ކަޝްމީރު، މަހާރާޝްތުރާ، މަނިޕޫރު، މެގަލަޔާ، މިޒޯރަމް، ނަގަލޭންޑް، އޮޑިޝާ، ސިއްކީމް، ޓެލަންގާނާ، ޓްރިޕޫރާ، އުއްތަރަ ޕްރަދޭޝް، އުއްތަރަކަންޑް، ވެސްޓް ބެންގާލް، އަންޑަމަން އަދި ނިކޯބާ އައިލެންޑްސް އަދި ލަކްޝަދީޕް އެވެ. އަންދްރަ ޕްރަދޭޝް އާއި ނަގަލޭންޑްގެ ވޯޓުލުން އެއް ދުވަހުން ނިމުނު ނަމަވެސް އުއްތަރަ ޕްރަދޭޝް ފަދަ ސްޓޭޓްތަކުގައި ވޯޓުލުން ފިޔަވަހިތަކަކަށް ކުރިއަށް ގެންދާނެ އެވެ.

އިންޑިއާގެ ޕާލަމެންޓުގެ ދަށު ގޭ ނުވަތަ ލޮކް ސަބާގެ 543 ގޮނޑީގެ ތެރޭން 272 ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް ސަރުކާރެއް އުފެއްދޭނެ އެވެ.

ވޯޓުލުން ހުޅުވާލުމާ އެކު އިރު އުތުރުގެ އާސާމް ސްޓޭޓުގައި އެތައް ބަޔަކު މިއަދު ވަނީ ކިޔޫގައި ޖެހިފަ އެވެ. އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ވޯޓުލާން ފުރަތަމަ ދިޔަ މީހުންނަށް ވަނީ ބެރު ދުންމާރިން މަރުހަބާ ކިޔައިފަ އެވެ. އެކަމަކު ޗަޓިސްގާރް ސްޓޭޓުގައި މަޔޮއިސްޓުން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު އައިއީޑީއެއް ވަނީ ގޮއްވާލައިފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އިންތިޚާބުގައި ވޯޓުލުމަށްޓަކައި ދެ ކިލޯ މީޓަރަށް ވުރެ ދުރަށް އެއްވެސް މީހަކަށް ދަތުރުކޮށްފައި ދާން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 1951-52 ބޭއްވި އިންތިޚާބު ނިންމަން ތިން މަސް ދުވަސް ހޭދަވި އެވެ. އެކަމަކު 1962 އާއި 1989 އާ ދެމެދު އިންތިޚާބު ބޭއްވުމަށް ހޭދަވެފައި ވަނީ ހަތަރު ދުވަހާއި 10 ދުވަހާ ދެމެދު އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރުގެ އިންތިޚާބު ބާއްވާފައި ވަނީ ހަތަރު ދުވަހުންނެވެ. އެއީ އިންޑިއާގައި އެންމެ ކުރު މުއްދަތެއްގައި ބޭއްވި އިންތިޚާބެވެ.