12 އެޕްރީލް 2019 - 07:51

ޓައިވާނު އަންހެނެއްގެ ލޯ ތެރޭގައި އުޅުނު ހަތަރު ކުޅަނދުރު ދިރިތިއްބައި ނަގައި، އަންހެން މީހާގެ ލޯ ސަލާމަތްކޮށްފި އެވެ.

އުމުރުން 28 އަހަރުގެ މީހާ އަށް ފަރުވާ ދިން ފޫޔިން ޔުނިވަސިޓީ ހޮސްޕިޓަލްގެ ޑރ. ހޮންގް ޖީ ޓިންގް ވިދާޅުވީ ކުދި އެ ހަތަރު ކުޅަނދުރު އަންހެން މީހާގެ ވާތު ލޮލުގެ ތެރޭގައި ގަޑިއިރުތަކެއް ވަންދެން އުޅުމަކީ ބޮޑު ޝޮކެއް ކަމަށެވެ. އަދި މިއީ މިފަދަ ކޭސްއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުޅަނދުރު ސަލާމަތުން އަންހެން މީހާގެ ލޮލުން ނެރެފައިވާ އިރު، އެ އެއްޗެހީގެ ހާލަތު ވެސް ރަނގަޅެވެ. އަދި އަންހެން މީހާގެ ހާލު ވެސް ރަނގަޅު ކަމަށާއި ފަރުވާ ދިނުމަށް ފަހު، އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ހޮންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅަނދުރުތައް ލޯތެރޭގައި އުޅުނީ ކަރުނަ ބޮއެގެންނެވެ. ސްވެޓް ބީސް ނުވަތަ ހެލިކްޓިޑޭގެ ނަން ދީފައިވާ އެ ކުޅަނދުރުތަކަކީ ކަރުނަ އާއި ގައިން ހިއްލާ ދަލަށް ގަޔާވާ ވައްތަރުގެ ކުޅަނދުރުގެ ބާވަތެކެވެ.
ހީ ނަމަކަށް ކިޔާ އަންހެން މީހާ ބުނެފައިވާ ގޮތުގައި އޭނާގެ ލޮލަށް ކުޅަނދުރުތައް ވަނީ އާއިލާގެ މީހެއްގެ މަހާނަ އަށް ޒިޔާރަތް ކުރަން ގަބުރުސްތާނެއްގެ ތެރެއަށް ވަދެގެން އުޅެނިކޮށެވެ. އޭނާ ބުނީ ލޮލަށް ކުޅަނދުރުތައް ވަން ނަމަވެސް ކުރިން ހީކުރީ އެއީ ކުނިކޮޅުތަކެއް ކަމަށެވެ. އެހެންވެ މާ ބޮޑު ކަމަކަށް ނަހަދައި ހުއްޓައި ގަޑިއިރުތަކެއް ފަހުން ވާތު ލޮލުގައި ވަރަށް ބޮޑަށް ރިއްސައި ދުޅަވާން ފެށުމުން ހޮސްޕިޓަލަށް ދިޔައީ ކަމަށް ބުންޏެވެ.
ޑރ. ހޮންގް ވިދާޅުވި ގޮތުގައި ހީގެ ލޯ ސަލާމަތް ކުރެވުނު މައިގަނޑު އެއް ސަބަބަކީ ލޯ ހިރުވި ނަމަވެސް ލޯ ކަހާފައި ނުވާތީ އެވެ. އަދި އޭނާ ހުރީ ލެންސް ވެސް ލައްވައިގެންނެވެ.
"ލޯ ގަދައަށް ކެހި ނަމަ ލޮލަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވީސް އަދި ލޮލުގެ ފެނުން އެއްކޮށް ގެއްލުނީސް،" ހޮންގް ވިދާޅުވި އެވެ. "އޭނަ ލޯނުކެހިކަން އެއީ ނަސީބެއް."
ލޮލަށް ވަން ކުޅަނދުރުތައް މިހާރު ވަނީ ދިރާސާއަކަށް ބޭނުންކުރަން ބަޔަކާ ހަވާލުކޮށްފަ އެވެ.
"ސްވެޓް ބީސްއަކީ އާންމު ގޮތެއްގައި އިންސާނުނަށް ހަމަލާ ދޭ ބާވަތެއް ނޫން. އެކަމަކު އެ އެއްޗިއްސަކީ ގައިން ހިއްލާ ދަލާއި ކަރުނަ އަށް ވަރަށް ގަޔާވާ އެއްޗެއް،" ހޮންގް ވިދާޅުވި އެވެ.