ކުޅިވަރުގެ ހުނަރު ތަރައްގީކުރަން އުރީދޫ ތައްޔާރުވެއްޖެ
ކުޅިވަރުގެ ހުނަރު ތަރައްގީކުރަން އުރީދޫ ތައްޔާރުވެއްޖެ

ރާއްޖޭގެ ހުނަރުވެރި ޒުވާން އެތުލީޓުން ކުރިއެރުވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ފަށާފައިވާ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" އަށް އެއްބާރުލުން ދިނުމަށް މުވާސަލާތީ ކުންފުނި އުރީދޫ އިން އެއްބަސްވެއްޖެ އެވެ.

ކުޅިވަރުގެ ހުނަރު ތަރައްގީކުރަން އުރީދޫ ތައްޔާރުވެއްޖެ
ކުޅިވަރުގެ ހުނަރު ތަރައްގީކުރަން އުރީދޫ ތައްޔާރުވެއްޖެ

އެކަމުގެ ރަމްޒީ ބެޓަން މަރުޒޫގު ވަނީ މިއަދު އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހައާ ހަވާލުކޮށްފަ އެވެ. ފުރަތަމަ ބެޓަން މަރުޒޫގު، އިއްޔެ ހަވާލުކުރެއްވީ ރައީސް އަބްދުﷲ ޔާމީނަށެވެ.

މީގެ ދަށުން އުރީދޫ އިން ވަނީ ދެ ކަމަކަށް ވައުދުވެފަ އެވެ. އެއީ ގިނަ އަދަދެއްގެ ހުނަރުވެރި އެތުލީޓުން ރާއްޖޭން ބޭރުގައި ތަމްރީން ކުރުމަށް އޮލިމްޕިކް ކޮމިޓީން ފަށާ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ މެސީ ފައުންޑޭޝަން މެދުވެރިކޮށް ފުޓްބޯޅައިގެ ތަމްރީން ޕްރޮގްރާމެއް ހިންގުމެވެ.

"މި ބެޓަންގައި ހިފަހައްޓައިގެން މިހިރީ ވަރަށް ޖޯޝާ އެކު،" ވިކްރަމް ވިދާޅުވި އެވެ. "މި ފަދަ ކަމެއް ފަށަން އިސްނެގީތީ މަރުޒޫގަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ވިޔަފާރި ކުންފުނިތަކަށް ކުޅިވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ."

ވިކްރަމް ވިދާޅުވީ އުރީދޫގެ އެންމެ ބޮޑު އެއް އަމާޒަކީ ޒުވާނުން ކުރިއެރުވުން ކަމަށާއި އެކަން އެންމެ ފަސޭހައިން ކުރެވޭނީ ކުޅިވަރުގެ ތެރެއިން ކަމަށެވެ.

"ކުރިމަގަށް ތަރިން އުފެއްފުމަށް އަޅުގަނޑުމެންގެ ފަރާތުން އެހީތެރިކަން ލިބޭނެ. މިހާރު ގިނަ ބެލެނެވެރިން ބޭނުންވާނީ ދަރިން ޑޮކްޓަރަކަށް ނުވަތަ އިންޖިނިއަރަކަށްވާން. އެކަމަކު ކުޅިވަރުގެ ތަރިން އުފެދެންޏާ ބެލެނެވެރިންގެ ވިސްނުން ބަދަލުވާނެ. ބެލެނެވެރިން ބޭނުންވާނެ ދަރިންނަކީ މޮޅު ކުޅިވަރުގެ ތަރިންނަށް ހަދަން ވެސް،" ވިކްރަމް ވިދާޅުވި އެވެ.

މަރުޒޫގު ވިދާޅުވީ 32 ކުއްޖަކަށް ރާއްޖޭން ބޭރުން ތަމްރީން ސްކޮލަޝިޕް ދޭން އޮލިމްޕިކް ކޮމިޓީން ފަށާ ޕްރޮގްރާމުގައި އެއް ކުއްޖެއްގެ ސްކޮލަޝިޕް އުރީދޫ އިން ސްޕޮންސާކުރާނެ ކަމަށެވެ. އަދި މިއީ، ލިމިޓެޑް ބަޖެޓުން މިހާރު ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށް މަރުޒޫގު ވިދާޅުވި އެވެ.

"އަޅުގަނޑު މި ބެޓަން އެކި ފަރާތްތަކަށް ހަވަލުކުރާނަން. ސަރުކާރުގެ ވެރިންނާއި ކުންފުނިތަކުގެ އިސްވެރިންނަށް ވެސް. އުއްމީދުކުރަނީ ހުރިހާ ފަރާތްތަކުން އެމްވީ ސްޕޯޓްސްގެ ޕާޓްނަރުންނަށް ވާނެ ކަމަށް،" މަރުޒޫގު ވިދާޅުވި އެވެ.