11 އެޕްރީލް 2019 - 09:15

މިއުނިކް (އޭޕްރީލް 11) - ހުސްވެފައިވާ ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށް ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މިހާރުގެ ޓެކްނިކަލް ޑިރެކްޓަރު އޮލިވާ ބިއަހޯފް ބުނެފި އެވެ.

ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމު ހުސްވީ މިދިޔަ ހަފްތާގައި ރެއިންހާޑް ގްރިންޑަލް އިސްތިއުފާ ދެއްވުމުންނެވެ. ގްރިންޑެލް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާއާ ގުޅޭ ކޮރަޕްޝަންގެ ގިނަ ވާހަކަތަކެއް މީޑިއާގައި ފެތުރިފައިވަނިކޮށެވެ. ގްރިންޑެލް އަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ޔޫކްރޭނުގެ ވިޔަފާރިވެރިޔާ އަދި ޔުއެފާގެ ނައިބު ރައީސް ގްރިގޯރީ ސާކިސް ހަދިޔާއެއްގެ ގޮތުގައި ދިން 6000 ޔޫރޯގެ އަގުހުރި އަތުކުރި ގަޑިއެއް ގަބޫލުކުރެއްވުމުންނެވެ.
ޖަރުމަނުގެ މަޖައްލާ އަކަށް ދިން އިންޓަވިއުއެއްގައި ބިއަހޯފް ބުނީ މިއީ ޖަރުމަނު ފުޓްބޯޅަ އަށް ވަރަށް މުހިއްމު ބަދަލުތަކެއް ގެންނަން ޖެހޭ ވަގުތެއް ކަމަށާއި ރައީސްގެ މަގާމަށް އަންނަން ޖެހޭނީ އެ ގައުމުގެ ފުޓްބޯޅައިގެ ހިންގުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ ފަރާތެއް ކަމަށެވެ.
"އެފްއޭ އިންތިހާބުގައި އަހަރެން ވާދައެއްނުކުރާނަން. އެ މަގާމަށް އަންނަން ޖެހޭނީ ވަރަށް ތަޖުރިބާހުރި މީހެއް. އަހަރެން އަދި ކުރަމުން މި އަންނަ މަސައްކަތާ މެދު ހިތްހަމަޖެހޭ. މިއީ ވަރަށް ރަނގަޅު ވަޒީފާއެއް. އަދި އަހަރެންނަށް މި ޗެލެންޖް އެއްކޮށް ފުރިހަމަ ނުކުރެވޭ،" ބިއަހޯފް ބުންޏެވެ.
މިިދިޔަ އަހަރު ބިއަހޯފަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި ދެ ކަމަކީ ބޮޑު މައްސަލަތަކެއް ޖެހި ހައްލެއް ނުލިބި ދިގުލައި ގޮސްގެން އާސެނަލްގެ ތަރި މެސުޓް އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާއި ވޯލްޑް ކަޕް ސްކޮޑުން މެންޗެސްޓާ ސިޓީގެ ވިންގް ލެރޯއި ސާނޭ އަށް ފުރުސަތު ނުލިބުމެވެ.
އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރަން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އޭނާއާ މެދު ވަރަށް ބޮޑަށް ނަސްލީ ތަފާތު ކުރުންތައް އޮތް ކަމަށާއި ޖަރުމަނު ފެޑެރޭޝަނުން އޭނާއާ މެދު އިހުތިރާމް ކުޑަކޮށް ދެކޭތީ ދެން ޖަރުމަނު ޓީމަށް ކުޅެން ބޭނުމެއް ނުވީ ކަމަށެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓިއިރު، ގިނަ ބަޔަކު އެކަމުގެ ޒިންމާ އެޅުވީ އޮޒިލް ބޮލުގަ އެވެ. ފާޑުކިޔުންތައް ގިނަވެ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އޮޒިލް ނިންމުމުން އޭނާގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ޖަރުމަނު ސަރުކާރުން ވަނީ ބުނެފަ އެވެ.
ވޯލްޑް ކަޕަށް ފަހު ބިއަހޯފް ޖަރުމަނު ޓީވީ އަކަށް ދިން އިންޓަވިއުއެއްގައިވަނީ އޮޒިލަށް ފާޑުކިޔައިފަ އެވެ. އެކަމަކު މިހާރު ބިއަހޯފް ވަނީ އޭނާ އަށް ކުރެވުނު ކަންތައްތަކާ މެދު ދެރަވާ ކަމަށް ބުނެފަ އެވެ.
"ވަރަށް ގިނަ ކަންތައްތައް ދިޔައީ ގޯސްކޮށް. އަހަންނަށް ވެސް ގޯސްތަކެއް ހެދުނު. އެކަމާ ހިތާމަ ވެސް ކުރަން. އެއީ ލިބުނު ފިލާވަޅުތަކެއް. މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަމެއް ދިގުލައިގެން ގޮސް ނިމުނުއިރު އޮތީ ވަރަށް ގޯސްވެފައި،" ބިއަހޯފް ބުންޏެވެ.
ވޯލްޑް ކަޕް ސްކޮޑަށް ސާނޭ ނުނެގުމާއި ބެހޭގޮތުން ބިއަހޯފް ބުނީ ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބޭނުންވީ ވަކި ސްޓައިލަކަށް ޓީމު ބައްޓަން ކުރަން ކަމަށާއި އެކަމަކު ކޮންމެ ވިސްނުމެއްގައި ކުރި ނަމަވެސް އެންމެ ފޯމުގައި ތިބި ރަނގަޅު ކުޅުންތެރިން ނުލައި ޓީމު އެކުލަވާލުމުން އޭގެ ގޯސް އަސަރު ޓީމަށް ކުރާނެ ކަމަށެވެ.