11 އެޕްރީލް 2019 - 07:51

ދުނިޔޭގެ ގެލެކްސީގެ ވަރަށް ދުރު ހިސާބެއްގައިވާ "ބްލެކް ހޯލް" އެއްގެ ފޮޓޯ ނަގައި ތާރީހުން ޖާގަ ހޯދައިފި އެވެ.
ފަލަކީ އިލްމުވެރިން މި ތާރީހީ ކާމިޔާބީ ހޯދާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ އަށް ޓެލެސްކޯޕްގެ ވިއުގައެއް ކަމަށްވާ އިވެންޓް ހޮރައިޒަން ޓެލެސްކޯޕް (އީއެޗްޓީ) ބޭނުންކޮށްގެންނެވެ.
އެސްޓްރޮފިޒިކަލް ޖާނަލް ލެޓާސްގައި ވަނީ މި ބްލެކް ހޯލްގެ މައުލޫމާތު ހާމަކޮށްފަ އެވެ. އޭގައިވާ ގޮތުން މިއީ ދުނިޔެއާ 500 މިލިއަން ޓްރިލިއަން ކިލޯމީޓަރު ދުރުގައިވާ އެއްޗެކެވެ. ސައިންސްވެރިން "މޮންސްޓާ" އެއްގެ ގޮތުގައި ސިފަކޮށްފައިވާ މި ބްލެކް ހޯލްގެ ފުޅާ މިނުގައި 40 ބިލިއަން ކިލޯމީޓަރު އެބަހުއްޓެވެ.
ބްލެކް ހޯލެއްގެ ފޮޓޯ ނެގުމުގެ އެކްސްޕެރިމެންޓް ކުރުމަށް ހުށަހެޅުއްވި ނެދަލެންޑްސްގެ ރަޑްބައުޑް ޔުނިވަސިޓީގެ ޕްރޮފެސަރު ހެއިނޯ ފަލްކޭ ބީބީސީ އަށް ވިދާޅުވި ގޮތުގައި މި ބްލެކް ހޯލް ފެނިފައިވަނީ "އެމް87" ގެ ނަން ދީފައިވާ ގެލެކްސީއަކުންނެވެ.
"މި ފެންނަނީ އަހަރެމެންގެ މުޅި ސޯލާ ސިސްޓަމަށް ވުރެ ބޮޑު ތަނެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބްލެކް ހޯލްގެ މާސް، އިރުގެ މާސް އަށް ވުރެ 6.5 ބިލިއަން ގުނަ އިތުރުވާނެ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ އެންމެ ބިޔަ ބްލެކް ހޯލް. މިއީ ހަމަ މޮންސްޓާއެއް. މިއީ މުޅި ކާއިނާތުގައިވާ އެންމެ ބިޔަ، ބަރު ބްލެކްހޯލް،" ޕްރޮފެސަރު ވިދާޅުވި އެވެ.
ފޮޓޯ އިން ފެންނަނީ އަލިފާން ކުލައިން ދިއްލިފައިވާ ވަށް ބުރުތަކެކެވެ. އޭގެ މެދުން ކަޅު ކުލައިގެން، ބުރު ހަމަ ލޯވަޅެއް ފަދަ ތަނެއް ފެނެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި ބްލެކް ހޯލުން އަރާ އަލި، ގެލެކްސީތަކުގެ ހުރިހާ ތަރިއެއްގެ އަލި އެކުވުމަށް ވުރެ ވެސް ގަދަ އެވެ.
ބްލެކް ހޯލް އަކީ އެއާ ކިރިޔާ ގާތްވެލާ އެއްޗެއް ވެސް އޭގެ ތެރެއަށް ދަމައިގަންނަ، ހަގީގަތް ނޭނގޭ ވަރުގަދަ ބާރެއް ހުންނަ އެއްޗަކަށް ވާއިރު ފޮޓޯ އިން ވެސް ފެންނަނީ ބްލެކް ހޯލްގެ ތެރެއަށް ގޭސް ފަދަ އެއްޗެހި ވެސް ދަމާތީ އެވެ. އަލިކަން ވެސް ބްލެކް ހޯލްގެ ތެރެއަށް ދަމައިގަނެ އެވެ. ދަމާ ބާރު އެހާ ވެސް ގަދަ އެވެ.
ކުރުކޮށް ބުނާ ނަމަ މިއީ ޖައްވުގައި ހުންނަ، އާދަޔާ ހިލާފް ކަންތައްތަކެއް އެކުލެވޭ ސަރަހައްދުތަކެކެވެ. ތަރިތަކާއި އަލި ވެސް އޭގެ ބާރު ފޯރާ ހިސާބުން ދަމައިގަންނާނެ އެވެ. ބްލެކް "ހޯލް" ކިޔެއް ކަމަކު މިއީ ހުސްކޮށް އެއްޗެއް ނޫނެވެ. ބްލެކް ހޯލްގައި އެކި މާއްދާތައް ހުރެ އެވެ. އަދި ކުޑަ ސަރަހައްދަކަށް އޭގެ ދަމާ ބާރު ޖަމާވެފައި ހުންނާތީ އެ ބާރު އާދަޔާ ހިލާފަށް ގަދައީ އެވެ. ބްލެކް ހޯލް އުފެދެނީ ތަރިތަކުގެ އަޖަލު ހަމަވެ އަމިއްލަ ޒާތުގައި އޭގެ މާއްދާތައް ތަރީގެ މެދަށް ޖަމާވެ، އެތައް ގުނައަކަށް ކުޑަވެގެންނެވެ. މިހެން ވުމުން އާދަޔާ ޚިލާފު ބޮޑު ބަރުދަނެއް، ނިސްބަތުން ކުޑަ ސަރަހައްދަކަށް ޖަމާވަނީ އެވެ. އެންމެ ބާރަށް ދަތުރުކުރާ އަލި ދޯއްޖަކަށް ވެސް ބްލެކް ހޯލްއަކާ ވައި އެޅޭ ހިސާބުން ވެސް ސަލާމަތެއް ނުވެވޭނެ އެވެ. އެހެންވެ މީގެ މެދުގައި އެއްވެސް އަލިކަމެއް ނުހުންނާނެ އެވެ. ފެންނާނީ ކަޅު ކުލައިގަ އެވެ. ބްލެކް ހޯލް ކިޔަނީ އެހެންވެ އެވެ.
ބްލެކް ހޯލެއްގެ ފޮޓޯ ނެގުމަށް ފަލްކޭ ހުށަހެޅުއްވީ 1993 ވަނަ އަހަރު ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވި އިރު އެވެ. އެކަމަކު އެއީ ކުރެވިދާނެ ކަމެއްގެ ގޮތުގައި އޭރު ގަބޫލެއް ނުކުރެވެ އެވެ. އަދި އެންމެ ޓެލެސްކޯޕެއް ބޭނުންކޮށްގެން ވެސް އެކަން ނުވާނެކަން އެނގެ އެވެ. އެހެންވެ ސައިންސްވެރިންގެ ޓީމަކުން ގުޅިގެން އަށް ޓެލެސްކޯޕްގެ ވިއުގައެއް ގާއިމުކުރީ އެވެ. މި ޓެލެސްކޯޕްތައް ހަވާއީ އާއި މެކްސިކޯގެ އަލިފާން ފަރުބަދަތަކުގެ ސަރަހައްދުގަ އާއި އެރިޒޯނާގެ ފަރުބަދަތަކުގެ ތެރޭގައި ވެސް ހުރެ އެވެ. މީގެ އިތުރުން ސްޕެނިޝް ސިއޭރާ ނެވާޑާ އާއި ޗިލީގެ ސަހަރާ ތެރޭގަ އާއި އެންޓާޓިކާގައި ވެސް ޓެލެސްކޯޕް ބަހައްޓާފައިވެ އެވެ.
މި ޓެލެސްކޯޕްތަކުން ފޮނުވާ މައުލޫމާތު އިންޓަނެޓުން ފޮނުވޭ ވަރަށް ވުރެ ގިނަ އެވެ. އެހެންވެ ހުރިހާ މައުލޫމާތެއް ޕްރޮސެސްކުރަނީ އެމެރިކާގެ ބޮސްޓަން އާއި ޖަރުމަނުގެ ބޯންގައި ގާއިމުކޮށްފައިވާ ޕްރޮސެސިން ސެންޓަރުތަކަށް، އެތައް ބައިވަރު ހާޑް ޑިސްކްތަކުގައި ގެންގޮސްގެންނެވެ.
"މިއީ ކުރީގެ ޖީލުން ނުވާނެ ކަމެއްގެ ގޮތުގައި ގަބޫލުކޮށްފައި އޮތް ކަމެއް ކާމިޔާބު ކުރެވުން،" ފަލްކޭ ވިދާޅުވި އެވެ.