ސުނީއަކީ މިހާރު ޕްރިޔަންކާގެ "ރޮކްސްޓާއެއް"
ސުނީއަކީ މިހާރު ޕްރިޔަންކާގެ "ރޮކްސްޓާއެއް"

މިއަދަކީ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ގެ އުފަން ދުވަހެވެ. އުފާވެރި އުފަން ދުވަކަށް އެދެމެވެ.

ސުނީގެ 37 ވަނަ އުފަން ދުވަހާ ދިމާކޮށް ފޭނުންނަށް ހާއްސަ ލަވައެއް ވެސް "ސުނީތާ އޯ މައި ޑާލިން" ގެ ނަމުގައި ރިލީޒްކޮށްފައި ވަނިކޮށް، ސުނީތާ އުފަން ދުވަހުގެ އެންމެ "ބޮޑު" ހަދިޔާއެއް މިއަދު ލިބިއްޖެ އެވެ.

ރާއްޖޭގައި ހުރި ޕްރިޔަންކާ ޗޯޕްޅާ (ޕީސީ) ގެ އެންމެ ބޮޑު ފޭން ސުނީ އަށް ޕްރިޔަންކާ މި ވަނީ ޓްވިޓާ މެދުވެރިކޮށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފަ އެވެ. އަދި އެ ވެސް ހާއްސަ "ހަދިޔާއަކާ" އެކުގަ އެވެ.

"ތިއީ މިހާރު ރަސްމީކޮށް އަހަރެންގެ އެއް ރޮކްސްޓާ،" ޕްރިޔަންކާގެ ޓްވީޓްގައި އެވެ.

ޕީސީގެ އެ ޓްވީޓާ ގުޅިގެން ސުނީ ކުރި ޓްވީޓްތަކެއްގައި ބުނީ އުފަން ދުވަހުގެ އެންމެ ހާއްސަ ހަދިޔާ ލިބިއްޖެ ކަމަށެވެ.

"އަދި ރޮކްސްޓާއެއްގެ ގޮތުގައި އަހަރެން ދެކޭތީ ވަރަށް ބޮޑަށް ޝުކުރިއްޔާ،" ސުނީގެ ޓްވީޓްގެ އައީ މިހެންނެވެ. "ވަރަށް ލޯބިވޭ."

އޭނާ ކުރި އެހެން ޓްވީޓެއްގައި ބުނީ ޕީސީގެ މާމަގެ އުފަން ދުވަހާއި އޭނާގެ އުފަން ދުވަސް ހިއްސާ ކުރެވޭކަން އެނގުމުން އުފާ އިތުރަށް ބޮޑުވެއްޖެ ކަމަށެވެ.

"ނާނީ އަށް އުފާވެރި އުފަން ދުވަހަކަށް އެދެން،" އުފަލުން ފޮޅިފައި ހުރި ސުނީގެ ޓްވީޓްގައި ބުންޏެވެ.

ސުނީގެ އުފަން ދުވަހާ ދިމާކޮށް ފޭނުންނަށް މި އަހަރު ހަދިޔާއެއް ދޫކޮށްލި އިރު، މިދިޔަ އަހަރު އޭނާ އުފަން ދުވަސް ފާހަގަ ކުރީ ޕީސީ އަށް ދިން ވީޑިއޯ ޓްރިބިއުޓަކުންނެވެ.

ސުނީ އަށް ހަމަ ސާބަހެވެ. ތިއީ ހަމަ ރާއްޖޭގައި ހުރީ ޕީސީގެ އެންމެ ބޮޑު ފޭނެވެ.