މިއަދު ގުނި ފޮށިން ވެސް ގާސިމަށް ވޯޓު އިތުރުވެއްޖެ
މިއަދު ގުނި ފޮށިން ވެސް ގާސިމަށް ވޯޓު އިތުރުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އދ. މާމިގިލީ ދާއިރާ އަށް ވާދަކުރެއްވި، މިހާރު ވެސް އެ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ފަރާތުން ހުށަހެޅުމުން މިއަދު އަލުން ގުނި ފޮށިން ގާސިމަށް 18 ވޯޓު އިތުރުވެއްޖެ އެވެ.

މިއަދު ގުނާފައިވަނީ މާމިގިލީ ދާއިރާގެ އދ. ފެންފުށީގައި ބެހެއްޓި ފޮށީގެ ވޯޓެވެ. މި ފޮށި އަލުން ގުނުމުން ގާސިމަށް 18 ވޯޓު އަދި އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒަށް 11 ވޯޓު އިތުރުވި އެވެ. މި އިތުރުވުމާ އެކު މި ދެ ބޭފުޅުންގެ ވޯޓުގެ ފަރަގަކީ 110 އެވެ.

މިހާރުގެ ނަތީޖާ އަކީ ގާސިމަށް 1،163 އަދި އަމީޒަށް 1،053 އެވެ.

އިލެކްޝަންސް ކޮމިޝަނުގައި އިއްޔެ އާއި މިއަދު ވެސް ވައެއް ފޮށިތައް އަލުން ގުނަން ވަނީ ނިންމައިފަ އެވެ. އެގޮތުން އިއްޔެ ވެސް މާމިގިލީ ދާއިރާގެ ތިން ފޮއްޓެއް އަލުން ގުނި އެވެ. މާމިގިލީ ދާއިރާގެ މެންބަރުކަން މިދިޔަ ދެ ދައުރު ވެސް ކުރެއްވި ގާސިމަށް އެ ފޮށިތަކުން ވެސް 64 ވޯޓު އިތުރުވި އެވެ.

އިލެކްޝަނުން ވަނީ މާވަށު ދާއިރާގެ 96 ފޮށީގެ ތެރެއިން 69 ފޮއްޓެއްގެ ވޯޓު ވެސް މިއަދު އަލުން ގުނަން ނިންމައިފަ އެވެ. މިހާރު އޮތް ނަތީޖާއިން އެންމެ ފަސް ވޯޓުގެ ފަރަގަކުން ކުރީގައި އުޅުއްވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މާވަށު ދާއިރާގެ ތިން ފޮއްޓެއް އިއްޔެ ވެސް ގުނާފައިވެ އެވެ.