ވަންޕްލަސް 7: ތަފާތު ތިން މޮޑެލްއެއް
ވަންޕްލަސް 7: ތަފާތު ތިން މޮޑެލްއެއް

ވަންޕްލަސް އަކީ ބާރުގަދަ ފޯނުތަކެއް ހެޔޮ އަގުގައި ވިއްކާ ކުންފުންޏެކެވެ. ވަންޕްލަސްއާ ބެހޭ ގޮތުން ދެން އޮތް ވާހަކަ އަކީ، އާދަކާދަ އަށް ބަދަލު ގެންނަން އުޅޭ ވާހަކަ އެވެ.

ވަންޕްލަސްގެ އާންމު އުސޫލަކީ ކޮންމެ އަހަރަކު ދެ ފޯނު ނެރުމެވެ. އެއީ، މިސާލަކަށް "ވަންޕްލަސް 5" އަށް ފަހު، "ވަންޕްލަސް 5ޓީ" އެވެ. "ވަންޕްލަސް 6" އަށް ފަހު "ވަންޕްލަސް 6ޓީ" އެވެ. ނަމަވެސް، "ވަންޕްލަސް 7"އާ ހިސާބުން، ފޯނުތަކަށް ނަންކިޔާ ތަރުތީބު ބަދަލުކުރަން އުޅޭ ވާހަކަ މިހާރު ވަނީ ވައިގައިހިފައިފަ އެވެ.

"ވަންޕްލަސް 7" އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، އެންމެ ޝައުގުވެރިވެވޭ ޒާތަށް ދެކެވޭ ވާހަކަ އަކީ، "ވަންޕްލަސް 7" މޮޑެލް ތަފާތު ތިން ގިންތިއަކަށް ބަހާލެވޭ ވާހަކަ އެވެ. އެއީ "ވަންޕްލަަސް 7"، "ވަންޕްލަސް 7 ޕްރޮ" އަދި "ވަންޕްލަސް 7 ޕްރޮ 5ޖީ" އެވެ.

ވަންޕްލަސްއިން 5ޖީ ފޯނެއް އުފައްދާނެކަން ކަށަވަރެވެ. ނަމަވެސް، ކިޔާނެ ވަކި ނަމެއް ކަށަވަރެއް ނުވެ އެވެ. އިންޓަނެޓަށް ލީކުވެފައި ހުރި ނަންތަކުގެ ތެރެއިން ނަމެއް އިޚުތިޔާރުކުރުމަކީ ވެސް ގާތްކަމެކެވެ.

"ވަންޕްލަސް 7" ގައި ތަފާތު މޮޑެލްތަކަކަށް ބަހާލައިފި ނަމަ ވާނީ ސެމްސަންގް ކޮޕީކުރި ކަމަށެވެ. އެއީ "ގެލަކްސީ އެސް10" ގައި ތަފާތު މޮޑެލްތަކެއް ހިމަނާފައި ވާތީ އެވެ. ސެމްސަންގް ގެލަކްސީ ނޯޓް 10 އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، ނޯޓް 10 ވެސް މޮޑެލްތަކަކަށް ބަހާލާނެ ކަމަށް ބުނެވެ އެވެ. ނަމަވެސް، މިކަމާ ބެހޭ ވާހަތައް އަދި އާންމެއް ނުވެ އެވެ.