ބަބްލީ ސުޕާރީގައި ދުންފަތުގެ އަސަރު، ކުޑަކުދިންނަށް ދިނުން ރަނގަޅެއް ނޫން: ޑްރަގް އޮތޯރިޓީ
ބަބްލީ ސުޕާރީގައި ދުންފަތުގެ އަސަރު، ކުޑަކުދިންނަށް ދިނުން ރަނގަޅެއް ނޫން: ޑްރަގް އޮތޯރިޓީ

ރާއްޖޭގައި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ސުޕާރީގެ ވައްތަރެއް ކަމަށްވާ ބަބްލީގައި ދުންފަތުގެ އަސަރު އެބަހުރި ކަމަށާއި ކުޑަކުދިން ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ ރާއްޖެ އެތެރެކުރާ ތަފާތު ބްރޭންޑުތަކުގެ ސުޕާރީގައި ދުންފަތުގެ އަސަރު ހުރިތޯ މިހާރު ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އަދި ބަބްލީ ސުޕާރީ ޓެސްޓުކުރި އޭގައި ދުންފަތުގެ އަސަރު ހުރި ކަމަށް ނަތީޖާއިން ދައްކާ ކަމަށް އެތަނުން ބުންޏެވެ.

"މިކަމާ ގުޅިގެން ބަބްލީ ބްރޭންޑުގެ އިތުރު ބެޗުތަކުގެ ޓެސްޓުތައް އަންނަނީ ކުރަމުންނެވެ،" ޑްރަގް އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

ބަބްލީ ސުޕާރީގައި ދުންފަތް އެކުލެވޭ ކަމަށް ނަތީޖާއިން ދައްކާތީ އެއީ ކުޑަކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ އެއްޗެއް ކަމަށް އެތަނުން ބުންޏެވެ.

ޑްރަގް އޮތޯރިޓީން ބުނީ ސުޕާރީއަކީ ދުންފަތް އެކުލެވޭ ގޮތަށް މާކެޓް ކުރަމުން އަންނަ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން ޕެކެޓުގެ ބޭރުގައި ވެސް އެކަމުގެ އިންޒާރު ދީފައި ނުވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ދުންފަތް ހިމެނޭ އެއްޗެއް ބޭނުން ކުރާ ނަމަ އެއަށް އާދަވެ، ދުންފަތުގެ އިސްތިއުމާލު ކުރަން މަގުފަހިވާނެތީ އެކަމަށް ސަމާލުވާން ޑްރަގް އޮތޯރިޓީން އިލްތިމާސްކުރެ އެވެ.