އަމީތާބް ބައްޗަންގެ ހިތްހަމަނުޖެހުމަކަށް ޝާހްރުކްގެ ފިނި ރައްދެއް
އަމީތާބް ބައްޗަންގެ ހިތްހަމަނުޖެހުމަކަށް ޝާހްރުކްގެ ފިނި ރައްދެއް

މިދިޔަ މަހު ރިލީޒްކުރި ފިލްމު "ބަދުލާ" ބޮކްސް އޮފީހުގައި ހޯދި ކާމިޔާބީ އެ ފިލްމުގެ ޓީމުން ފާހަގަނުކޮށްގެން ބަތަލު އަމީތާބް ބައްޗަން ހިތްހަމަނުޖެހުން ފާޅު ކުރުމުން، ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ޝާހްރުކް ހާން އެއަށް ފިނި ޖަވާބެއް ދީފި އެވެ.

ޓްވިޓާގައި އަމީތާބް ބުނީ "ބަދުލާ" ހޯދި ކާމިޔާބީ އެ ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑިސްޓްރިބިއުޓަރުންނާއި އަދިވެސް ފިލްމުގެ ވިޔަފާރީގައި ހިއްސާވި އެއްވެސް ބަޔަކު ފާހަގަނުކޮށް އެ ކާމިޔާބީ ހިންދައިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެ ޓްވީޓަށް ޖަވާބު ދެމުން ޝާހްރުކް ބުނީ އެ މީހުން ތިބި އަމީތާބް ޕާޓީއެއް ބާއްވާނެ އިރެއްގެ އިންތިޒާރުގައި ކަމަށާއި އެ މީހުން ކޮންމެ ރެއަކު ތިބެނީ އަމީތާބްގެ ގެ ޖަލްސާގެ ބޭރުގައި ކަމަށެވެ.

ސުޖޯއި ގޯޝް ޑައިރެކްޓްކޮށް މިދިޔަ މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރި ސަސްޕެންސް ތުރިލާ "ބަދުލާ" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އެޒްއާ އެންޓަޓައިމަންޓް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ވިޔަފާރި ރަނގަޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަށް އަންގާރަ ދުވަހާ ހަމައަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ވަނީ ޖުމްލަ 135.27 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.

ފިލްމަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ މިހާރު 90 ކްރޯޑާ ގާތްކޮށްފައިވާ އިރު، ބެލެވޭ ގޮތުން "ބަދުލާ" 100 ކްރޯޑް ކުލަބަށް ވަންނާނެ އެވެ.

އަމީތާބާ އެކު ތާޕްސީ ޕައްނޫ މުހިއްމު ރޯލެއް ކުޅުނު މި ފިލްމަކީ އެންމެ 10 ކްރޯޑްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.