10 އެޕްރީލް 2019 - 13:27

ސައުތު އޭޝިއަން ގޭމްސް ޑިސެމްބަރު 1-10 އަށް ބާއްވަން ގައުމުތަކުން އުސޫލެއްގެ ގޮތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ގޭމްސް ބާއްވާނެ ކަމަށާއި މި ފަހަރު ފަސްވުމުގެ ފުރުސަތެއް ނެތް ކަމަށް ނޭޕާލުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ޖީވާން ރާމް ޝްރެސްތާ ވިދާޅުވެއްޖެ އެވެ.
މި ގޭމްސް ބާއްވަން އެންމެ ފުރަތަމަ ޝެޑިއުލްކުރީ މިދިޔަ މަހު އެވެ. އެކަމަކު ނޭޕާލަށް ސްޓޭޑިއަމްތަކުގެ މަސައްކަތް ނިންމާނުލެވުމުން ސެޕްޓެމްބަރަށް ފަސްކުރީ އެވެ. އެކަމަކު ސެޕްޓެމްބަރު މަހު ގޭމްސް ބާއްވާނެ ތާރީހެއް ކަނޑައަޅަން ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ބޭއްވި ބައްދަލުވުމުގައި ނިންމީ ޑިސެމްބަރަށް ފަސްކޮށް އެ މަހުގެ 1-10 އަށް ގޭމްސް ބާއްވާ ގޮތަށެވެ.
އެކަމަކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު އޭރު ވިދާޅުވީ އެ ތާރީހުގައި ބާއްވަން ގައުމުތަކުން އުސޫލެއްގެ ގޮތުން އެއްބަސްވި ނަމަވެސް ތާރީހު އެއްކޮށް ފައިނަލް ކުރާނީ ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށެވެ.
މި ހަފުތާގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލް އޮލިމްޕިކް ކޮމިޓީގެ އިސްވެރިޔާ ޝްރެސްތާ ވިދާޅުވީ ނޭޕާލުގެ ސަރުކާރުން ވެސް އެ ތާރީހަށް ރުހުން ދީފައިވާ ކަމަށާއި އެއްވެސް ބަދަލެއް ނައިސް ގޭމްސް ބާއްވާނެ ކަމަށެވެ. އަދި ތައްޔާރީތަކަށް ސްޕޯޓްސް މިނިސްޓަރު އިސްކޮށް ހުންނަވައި ސަރުކާރުން މިހާރު ކޮމިޓީއެއް ހަދައި މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ނޭޕާލުން މި ޔަގީންކަން މިދިނީ މި ތާރީހުގައި ނުބޭއްވިއްޖެ ނަމަ ނޭޕާލުގެ އަތުން މުބާރާތް ބޭއްވުމުގެ ހައްގު އަތުލާނެތީ އެވެ. ނޭޕާލަށް ނުބޭއްވިއްޖެ ނަމަ ގޭމްސް ބާއްވަން ޕާކިސްތާން އޮތީ ތައްޔާރުގަ އެވެ.
ގޭމްސްގެ މައިގަނޑު ކުޅިވަރުތައް އޮންނާނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގަ އެވެ. އެކަމަކު ދެ ޖިންސުގެ ވޮލީބޯޅަ އިވެންޓާއި އަންހެނުންގެ ފުޓްސަލް އާއި ހޭންޑްބޯޅަ އާއި އާޗެރީ އާއި ޕެރެގްލައިޑިން އަދި ޓްރައިތެލޯން އޮންނާނީ ފަރުބަދަމަތީ ޕޮކާރާގަ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ރާއްޖޭން ވެސް އެންމެ ބޮޑަށް ތައްޔާރުވާ އެއް ގޭމްސް އެވެ. ސެޕްޓެމްބަރު މަހަށް ގޭމްސް ފަސްވުމަކީ އެއްގޮތުން ބަލާއިރު ރާއްޖެ އަށް ލިބުނު ފައިދާއެއް ކަމަށް ބައެއް ފަރާތްތަކުން އޭރު ބުންޏެވެ. އެއީ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވާ ތައްޔާރީތަކާއި ލިބޭ ކާމިޔާބީއާ އެކު ސައުތު އޭޝިއަން ގޭމްސް އަށް ތާޒާކަންމަތީ ދިއުމުގެ ފުރުސަތު ލިބޭނެތީ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 15 މެޑަލް ހޯދަން އަމާޒުކޮށް ރާއްޖޭން ވަނީ ތައްޔާރީތައް ފަށައިފަ އެވެ.
އިންޑިއާގައި 2016 ވަނަ އަހަރު ބޭއްވި، އެންމެ ފަހުގެ ގޭމްސްގައި ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި ފެތުންތެރިޔާ އައިމިނަތު ސަޖަން ވަނީ ލޯ މެޑެއްޔެއް ހާސިލްކުރި އެވެ.