10 އެޕްރީލް 2019 - 11:35

އެމްސްޓްރެޑަމް (އޭޕްރިލް 10) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ނެދަލެންޑްސްގެ އަޔަކްސްއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމަށާއި އަދި މިރޭ އެ ޓީމު ކުޅޭނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނާ ގޮތާ ތަފާތުކޮށް ކަމަށް ޔުވެންޓަސްގެ ކޯޗު މެކްސް އެލެގްރީ ބުނެފި އެވެ.
ޔުވެންޓަސް އިން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން ބަލިވެފައި އޮއްވާ ދެ ވަނަ ލެގުން ރޮނާލްޑޯގެ ހެޓްރިކުން 3-0 އިން މޮޅުވެގެންނެވެ. އަނިޔާގެ ސަބަބުން ރޮނާލްޑޯ އަށް މިރޭ ނުކުޅެވިދާނެކަމުގެ ބިރު ހީވި ނަމަވެސް އޭނާ ވަނީ ފިޓްވެފަ އެވެ. އެކަމަކު ކަންބޮޑުވުމަކީ އިތުބާރު ޑިފެންޑަރު އަދި ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި އެމްރޭ ޗޭން އަށް އަނިޔާވެފައިވުމެވެ. ކިއެލީނީގެ ބަދަލުގައި އަރާނީ ޒުވާން ޑިފެންޑަރު ޑެނިއަލީ ރުގާނީ އެވެ.
"ރޮނާލްޑޯ ކުޅޭނެ. ކިއެލީނީ އާއި އެމްރޭ ޗޭން ނެތުމަކީ ދެރައެއް. އެކަމަކު އެހެން ކުޅުންތެރިން ތިބީ ރަނގަޅު ހާލަތުގައި. ޑަގްލަސް ކޮސްޓާ އެނބުރި އައުމަކީ ރަނގަޅެއް. ޑިފެންސުގައި ކުޅޭނީ ރުގާނީ. މިއީ އޭނާ އަށް މުހިއްމު ފުރުސަތެއް، އެއީ އަހަރެމެންނަށް ލިބޭ އުފަލެއް،" އެލެގްރީ ބުންޏެވެ.
އޭނާ ބުނީ އެތުލެޓިކޯ މެޑްރިޑާ ބަލާއިރު އަޔަކްސް އަކީ މާ ތަފާތު ޓީމެއް ކަމަށާއި އެ ޓީމުން ކުޅެނީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ އެޓޭކިން ގޭމެއް ކަމަށެވެ. އެހެންވެ ޔުވެންޓަސް އިން ޑިފެންސްގައި ސަމާލުވާން ޖެހޭނެ ކަމަށް ކޯޗު ބުންޏެވެ.
ޔުވެންޓަސް އޮތީ އިޓާލިއަން ލީގު ކާމިޔާބުކުރުމާ ޕޮއިންޓަކާ ގާތުގަ އެވެ. އެލެގްރީ ބުނީ ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމުން، ސެމީ ފައިނަލަށް ދިއުމަށް މިރޭ ރަނގަޅު ބިންގަލެއް އެޅުމަށް ފަހު ހަފުތާ ބަންދުގައި ލީގު ކަށަވަރުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާ އަޔަކްސްގައި އޮތީ ޒުވާން ޓީމެއް ނަމަވެސް އެ ޓީމުން ވަނީ ދެ ވަނަ ބުރުން ގަދަފަދަ ރެއާލް މެޑްރިޑް ކަޓުވާލައިފަ އެވެ. އެ ޓީމުގެ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.