31 އޯގަސްޓް 2016 - 13:14

ބްރެސީލިއާ (އޮގަސްޓް 31) - މަގާމުން ދުރުކުރަން އުޅެނީ ބޮޑު ބަޣާވާތެއްގެ ދަށުން ކަމަށާއި އޭނާ އަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށް ސެނޭޓުގައި ވާހަކަ ދައްކަމުން ސަސްޕެންޑްކޮށްފައިވާ ބްރެޒިލްގެ ރައީސާ ދިލްމާ ރޫސެފް ވިދާޅުވެއްޖެ އެވެ.

ބްރެޒިލްގެ ފުރަތަމަ އަންހެން ރައީސާއާ ސެނެޓުން ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ސެޝަން ފަށާފައި ވަނީ ހޯމަ ދުވަހު އެވެ. ލެޓިން އެމެރިކާގެ އެންމެ ބޮޑު ގައުމުގައި 13 އަހަރު ވެރިކަން ކުރެއްވި ވާތުފިޔައިގެ ވޯކާސް ޕާޓީގެ ލީޑަރު ވިދާޅުވީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަކީ ގާނޫނީ ގޮތުން ބަޣާވާތެއް ގެންނަން ދައްކާފައިވާ ހުއްޖަތެއް ކަމަށެވެ.

"އަޅުގަނޑަކީ ޑިމޮކްރެސީ އަށް ޓަކައި މަސައްކަތް ކުރާ މީހެއް. ތިޔަ އިއްޒަތްތެރި މެންބަރުންގެ ކުރިމައްޗަށް އަޅުގަނޑު މިއައީ އަޅުގަނޑު އެއްވެސް ކުށެއް ނުކުރާ ކަމުގެ ވާހަކަ ދަންނަވަން. އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އަޅުގަނޑު ނުކުރާ ކަމެއް،" ސެނެޓުގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން އުމުރުން 68 އަހަރުގެ ލީޑަރު ވިދާޅުވި އެވެ.

ބްރެޒިލްގެ ރައީސާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ބަޖެޓުގެ ދަރަނި ފޫބެއްދުމަށް ސަރުކާރުގެ ލޯނުތައް ބޭނުންކޮށްފައިވާ ކަމަށެވެ. މި މައްސަލަގަނޑާ އެކު އެކަމަނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ހަލުވިކޮށްފައި ވަނީ ގައުމުގެ އިގްތިސާދު އަޑިގަނޑަކަށް ވެއްޓުމާ އެކު ރައްޔިތުންގެ ހިތްހަމަނުޖެހުން ވެސް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ސެނެޓުގައި ރޫސެފަށް ކުރިމަތިކުރުވި ސުވާލުތަކަށް ފަހު އެ މައްސަލައިގައި އެކަމަނާއާ ދެކޮޅަށް މަސައްކަތް ކުރައްވާ އިސް ވަކީލް ޖަނައިނާ ޕަސްކޯލް ވަނީ ރައީސް އަށް "ވޭނެއް ތަހައްމަލް ކުރައްވަން ޖެހުނީތީ" މައާފަށް އެދިވަޑައިގެންފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ މިއީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރޫސެފް ވިދާޅުވި ބަޣާވާތަށް އިޝާރާތް ކުރައްވާ ޕަސްކޯލް ވިދާޅުވީ ގައުމުގެ ހާލަތު ސީރިއަސްވުމުން ގާނޫނު ހަދާ މަޖިލީހުގެ ތެރޭން މަގާމުން ދުރުކުރުމަކީ ގާނޫނު އަސާސީގެ ދަށުން ލިބޭ ފަރުވާ ކަމަށެވެ.
ރޫސެފްގެ ވަކީލް ހޯސޭ އެޑުއާޑޯ ކާޑޯޒޯ ވިދާޅުވީ މިއީ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރަން ފެށުމުން ރައީސް ރޫސެފަށް ދޭ އަދަބެއް ކަމަށެވެ.
ރޫސެފް މަގާމުން ދުރުކުރުމާ ގުޅޭ ގޮތުން ސެނެޓުގައި ވޯޓު ނަގާނީ މިއަދު އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ރޫސެފް މަގާމުން ދުރުކުރަން ބޭނުންވާ ސެނެޓުގެ ތިންބައިކުޅަ ދެބައި ކަމަށްވާ 54 ވޯޓު ލިބޭނެ ކަމަށެވެ. ރޫސެފް މަގާމުން ދުރުކޮށްފި ނަމަ ބްރެޒިލްގެ ރައީސްކަމާ ވަގުތީ ގޮތުން ހަވާލުވާނީ އެކަމަނާގެ ކުރީގެ ނައިބް ރައީސް އަދި ސިޔާސީ ގޮތުން މިހާރު ދެކޮޅުވެރި މިޝެލް ޓެމާ އެވެ. ބްރެޒިލްގައި 2018 ވަނަ އަހަރު އިންތިޚާބު ބާއްވަން ދެން އޭނާ އަށް ވެރިކަމުގައި ހުރެވޭނެ އެވެ.
ރައީސާ ރޫސެފް ސަސްޕެންޑް ކުރުމުން ބްރެޒިލްގައި ވަގުތީ ގޮތުން މިހާރު ވެސް ރައީސްކަން ކުރައްވަނީ ކަނާތު ފިޔައިގެ ޕީއެމްޑީޕީގެ ޓެމާ އެވެ.