ކޮޕާ އެމެރިކާ މުބާރާތަށް އަންނަ އަހަރު ބަދަލުތަކެއް
ކޮޕާ އެމެރިކާ މުބާރާތަށް އަންނަ އަހަރު ބަދަލުތަކެއް

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (އޭޕްރީލް 10) - ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާ އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވާއިރު، މުބާރާތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ބުނެފި އެވެ.

އަންނަ އަހަރުގެ މުބާރާތަކީ 1979 ވަނަ އަހަރަށް ފަހު އެއް ގައުމަށް ވުރެން ގިނަ ގައުމެއްގައި ކޮޕަ އެމެރިކާ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ކޮޕަ އެމެރިކާ އޮންނާނީ އަންނަ ޖޫން މަހު ބްރެޒިލްގަ އެވެ. މި މުބާރާތަކީ މިހާރު ކުރިއަށްދާ ފޯމެޓަށް ކުޅޭނެ ފަހު މުބާރާތެވެ.

އެ ގޮތުން އަންނަ އަހަރުން ފެށިގެން މުބާރާތް ދެން އޮންނާނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެވެ. މިއީ އެންމެ ކުރިން ވެސް މި މުބާރާތް ބާއްވަމުން އައި ގޮތެވެ. މިހާރު ބާއްވަމުން އަންނަނީ ތިން އަހަރުން އެއް އަހަރު އެވެ. އެ ގޮތަށް މުބާރާތް ބާއްވަން ފެށީ 2001 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން ދެ އަހަރުން އެއް އަހަރު ވެސް ބޭއްވި އެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާ މުބާރާތަކީ ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޯލް އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ މުބާރާތެކެވެ. އެ މުބާރާތް އެމެރިކާގައި ބޭއްވިއިރު، މިއީ ދެކުނު އެމެރިކާ އިން ބޭރުގައި އެ މުބާރާތް ކުޅުނު ފުރަތަމަ ފަހަރެވެ.

އަންނަ އަހަރު އާޖެންޓީނާ އާއި ކޮލަމްބިއާގައި ބާއްވާ މުބާރާތުން ފެށިގެން ފޯމެޓަށް ގެންނަ ބަދަލަކީ މިހާރު އޮންނަ ހަތަރު ގްރޫޕްގެ ފޯމެޓް އުވާލުމަށްފަހު ދެ ގްރޫޕަކަށް ކުރިއަށް ގެންދިއުމެވެ. އެ ގޮތުން ކޮންމެ ގްރޫޕެެއްގައި ހަ ޓީމު ހިމެނޭއިރު، ގްރޫޕަކުން ކުއާޓާ ފައިނަލަށްދާނީ ހަތަރު ޓީމެކެވެ.

ކޮންމެބޯލް އިން މި ގޮތަށް ނިންމާފައިވަނީ އެމެރިކާ އިން އަންނަ އަހަރުގެ މުބާރާތް އުތުރު އެމެރިކާގެ ޓީމުތައް ހިމަނައިގެން ބާއްވަން ޕްރޮފޯސަލް ހުށަހަޅާފައިވަނިކޮށެވެ. އެމެރިކާ އިން ހުށަހެޅީ 16 ޓީމާ އެކު ކޮޕަ އެމެރިކާ ބޭއްވުމަށެވެ. އެކަމަކު އެ ގޮތަށް ކޮންމެބޯލް އެއްބަސްނުވީ އެ ބައްރު ނޫން ޓީމުތައް ހިމަނައިގެން މުބާރާތް ކުރިއަށް ނުގެންދަން ދެކުނު އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ލަފާދޭތީ އެވެ.

މި ފަހަރު ބްރެޒިލްގައި ބާއްވާ ކޮޕާ އެމެރިކާގައި ދެކުނު އެމެރިކާ އިން ބޭރުގެ ދެ ގައުމެއް ވާދަކުރާނެ އެވެ. އެއީ ގަތަރާއި ޖަޕާނެވެ. އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ޗިލީން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިކުރުމަށް ފަހު އެވެ.