30 އަހަރު ވުމުން މި ކާނާތަކާ ދުރުވެލާ
30 އަހަރު ވުމުން މި ކާނާތަކާ ދުރުވެލާ

ކޮންމެ އުމުރެއްގައި ނަމަވެސް، ސިއްހަތަށް ނުރަނގަޅު ކާނާ ކައިގެން ނުވާނެ އެވެ. އެކަމަކު އުމުރުން ތިރީސް އަހަރު ވުމަށް ފަހު ކާނާ އަށް އިތުރަށް ސަމާލުވާން ޖެހެ އެވެ. އެއީ މި އުމުރަށް އެޅުމާ އެކު ބައެއް ބަލިތަކުގެ ނުރައްކާ ވެސް އިތުރުވާތީ އެވެ. މިފަދަ ބަލިތަކާ ތިމާގެ ކެއުން ގެންގުޅޭ އުސޫލާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ކެންސަރު، ޑައެބިޓީސް އަދި ހިތުގެ ބައްޔާ މެދު މި އުމުރުގައި އިތުރަށް ސަމާލުވާން ޖެހެ އެވެ.

ތިރީގައި މިހިމަނައިލަނީ އުމުރުން 30 ވުމަށް ފަހު ދުރުވާންޖެހޭ ބައެއް ކާނާ އެވެ.

ޔޯގަޓަކީ ޞިއްހަތަށް ރަނގަޅު އެއްޗެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ އެއްޗެކެވެ. އެކަމަކު އެކި ފްލޭވާތައް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ޔޯގަޓްގައި މަތީ މިންވަރަކަށް ހަކުރު ހުރެ އެވެ. ޔޯގަޓް ކާން ބޭނުން ނަމަ ޕްލެއިން ޔޯގަޓް ނުވަތަ ގްރީކް ޔޯގަޓަށް އެ މީހަކު ގަޔާވާ ފަދަ ތާޒާ މޭވާގެ ދެތިން ވައްތަރެއް އަޅައި މަސްހުނިކޮށްލައިގެން ކެވިދާނެ އެވެ.

ޖޫހަކީ އޭގެ މޭވާހާ ފައިދާ ހުންނަ އެއްޗަކަށްނުވެ އެވެ. މޭވާ އިން ޖޫސް ނެރުމުން އޭގެ ފައިބާތައް މޭވާގެ ތެރޭގައި ހަރުލާފައި ހުންނަނީ އެވެ. ފައިބާ އެހީތެރިވެދެނީ ލޭގެ ތެރެއަށް ދާ ހަކުރުގެ ބައި އެއްފަހަރާ ފޮނުވާލުމުގެ ބަދަލުގައި ލަސްލަހުން ފޮނުމަށެވެ. އެހެންވީމައި ދެން ވާނެ ގޮތް ވިސްނަވާށެވެ.

ޕެކެޓްކޮށްފައި ހުންނަ މޭވާ ޖޫހުގައި އެ މޭވާއެއްގައި ހިމެނޭވަރަށް ވުރެ ވެސް މާ ގިނައިން ހަކުރު އަޅާފައި ހުރެ އެވެ. އަދި އޭގައި ހުންނަ ޖޫސް ގިނަ ދުވަހަށް ބެހެއްޓުމަށާއި ބޯން ރައްކާތެރި އެއްޗަކަށް ހެދުމަށްޓަކައި އެ ތައްޔާރުކޮށްފައި ހުންނަ ގޮތުން މާކެޓަށް ނިކުންނައިރު ވެސް (އޭގައި ހޫނާ ނުގުޅޭ ނިއުޓިޝަނެއް އެކުލެވޭ ނަމަ) އެ ހުންނަނީ ފައިދާތައް ކެނޑިފަ އެވެ.

ޕާނަކީ އެންމެ އާންމު އެއް ކާނާ އެވެ. މީގެ ތެރެއިން ވެސް ވައިޓް ބްރެޑެވެ. މީގައި ކެލެރީ ގިނަވެފައި ލިބޭ ފައިދާތައް ކުޑަ އެވެ. ފައިބާގެ ބައި ވެސް ހިމެނެނީ ހޯލް ބްރެޑަށްވުރެ މާ މަދުންނެވެ. އަދި ފައިބާ އަކީ ހަށިގަނޑުގެ މަސައްކަތް ބަރާބަރަށް ކުރިއަށް ދިއުމަށްޓަކައި މި އުމުރުގައި ވަރަށް މުހިންމު އެއްޗެކެވެ.

ފިހެ، ޕެކެޓް ކޮށްފައި ހުންނަ ބާވަތްތަކަކީ ތާޒާ އެއްޗިއްސެއް ނޫނެވެ. އެ ނުބައިވިޔަނުދީ، ތާޒާކޮށް ފެންނަ ގޮތަށް އެތައް ހަފުތާއެއް ވަންދެން ބެހެއްޓުމަށް ތެލާއި ކެމިކަލް އަޅާފައި ހުރެ އެވެ. އޭގައި ހިމެނޭ ސަރުބީގެ ބައި އެހާ މައްޗެވެ. ގޭގައި ތައްޔާރު ކުރާއިރު ގައިމު ވެސް، އަޅަންޖެހޭ އެއްޗެއް ވެސް އަޅާ މިންވަރު މަދު ކުރެވޭނެ އެވެ.

ދެން މި އޮތީ ކާނާއެއްގެ ވާހަކައެއް ނޫނެވެ. އެކަމަކު މިއީ ވެސް އުމުރުން މައްޗަށް ދާއިރު ސަމާލުވާން ރަނގަޅު ކަމެކެވެ؛

ހޮޅި ޖަހައިގެން ދިޔާ އެއްޗެހި ބުއިމަކީ އާންމުކޮށް ކުރާ ކަމެއް ނަމަ ތުންފަތުގެ ވަށައިގެން ރޫޖެހެން ފަށާނެ އެވެ. އުމުރުން 25 އަހަރަށް ފަހު ހަންގަނޑުގައި ހުންނަ ކޮލާޖެން ހަލާކުވާން ފަށަ އެވެ. އުމުރުގެ ވަކި ހިސާބަކުން އެ ރޫތައް ފެންނަން ފެށުން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެކަމަކު 30 އަހަރުގައި މިކަން ފެންނާކަށް އެކަކުވެސް ނޭދޭނެ އެވެ. ތުންފަތް ވަށައިގެން ރޫ ހުންނަ ނަމަ އުމުރަށްވުރެ މުސްކުޅިކަމަށް ދައްކާނެ އެވެ. އަނެއްކޮޅުން، ޕްލާސްޓިކުން ހޮޅިން ތިމާވެއްޓަށް ދޭ ގެއްލުން ވެސް އެހާ ބޮޑެވެ.