11 އެޕްރީލް 2019 - 07:30

ކުރިއަށް މިއޮތީ ރަމަޟާން މަހެވެ. އެކަމަކު އޭގެ ކުރިން ވެސް ރޯދަޔާ ކެއުމާ ހުރި ގުޅުންތަކުގެ ވާހަކަ ދައްކާލަން މިއީ ރަނގަޅު ވަގުތެކެވެ.
ރޯދަ ވީއްލުމަށް ފަހު ކާންވާނީ ހަށިގަނޑުގެ މަޑުޖެހިފައިވާ ބައިތަކުގެ މަސައްކަތް އަލުން ފަށައިގަންނަން ވަގުތު ދީފަ އެވެ. އަދި ބަނޑުގައި ހުންނަ "މިއުކަސް ލައިނިން" އޭ ކިޔާ ފަށަލައެއް ތުނިވެފައި ހުންނާތީ ތޫނު އަދި ކުޅިގަދަ ކާނާ، ރޯދަ ވީއްލާ ވަގުތު ކެއުން ރަނގަޅެއް ނޫނެވެ. އަދި ފުރަތަމަ ކާން ވާނީ ވެސް މަދުންނެވެ.
އަވަހަށް ބަނޑު ހަމަޖެއްސުމަށްޓަކައި ކާން ރަނގަޅު ބައެއް ކާނާ އަކީ މި އެވެ.
މޭވާ އަކީ ރޯދަ ވީއްލުމަށް ދެވަނައެއް ނެތް ބާވަތެކެވެ. އޭގައި ފެނުގެ ބައި ހިމެނިފައި ހަޖަމްކުރަން އެހާމެ ފަސޭހަ އެވެ. ގިނައިން ފެން ހިމެނޭ މޭވާގެ ތެރެއިން ގުނާލެވޭ، ކަރާ، އާފަލު އަދި މޭބިސްކަދުރު ފަދަ ބާވަތްތައް ހިޔާރުކުރާށެވެ. ބަނޑުގައި ހުންނަ ރައްކާތެރި ފަށަލަ ތުނިވެފައި ހުންނާތީ މޭވާގެ ތެރެއިން ވެސް ތޫނު ބާވަތްތައް ނުކާށެވެ.
މޭވާ އަށް ފަހު ދެން ކާން ރަނގަޅީ ތަރުކާރީ އެވެ. އޭގައި ހިމެނޭ ނިއުޓްރިޝަންގެ ބައި އަވަހަށް ހަށިގަނޑުތެރެއަށް ނެގޭނެ އެވެ. އަދި މީގައި ހިމެނޭ ފެން ވެސް ބޮޑު އެހީއަކަށް ވެ އެވެ. ކެރެޓް ޖޫސް ނުވަތަ ބީޓް ޖޫސް ރަނގަޅު ވާނެ އެވެ. ތަންކޮޅެއް ހިކިކޮށް ކާން ބޭނުންވާ ނަމަ ތަރުކާރީ ސެލެޑެއް ތައްޔާރުކޮށްލާށެވެ. އެކަމަކު އެއަށްއަޅާ އިތުރު ބާވަތްތައް ނާޅަ އެވެ.
ބަތްޕެނުގައި ތަރުކާރީ، މަސް އަދި ކަރަންފޫ އަދި ފޮނިތޮށި ފަދަ ފައިދާހުރި އެހެން ރަހަތައް ހިމެނިދާނެ އެވެ. މީ ހަޖަމުކުރަން ފަސޭހަވެފައި ހަށިގަނޑަށް ނުހަނު ފައިދާ ހުރި ބާވަތެކެވެ.
ޔޯގަޓް އަދި ކިރުގެ ބާވަތްތަކުގައި ޕްރޮޓީން އާއި ފެޓް އަދި ވިޓަމިންސް އާއި މިނަރަލްސް މަތީ މިންވަރަކަށް ހިމެނެ އެވެ. ހަޖަމުކުރަން ފަސޭހަވެފައި ހައްޓަށް ލުއެވެ. އަދި އެސިޑިޓީގެ ބިރެއް ނޯވެ އެވެ.
ނަޓްސް އިން ޕްރޮޓީން އާއި ފައިދާހުރި ފެޓްގެ ބައި ލިބެ އެވެ. އޭގައި އަދި މެގްނީސިއަމް އާއި ޕޮޓޭސިއަމް ހިމެނެ އެވެ. ރޯދަ ވީއްލުމާ އެކު ބައެއްކަހަލަ ނަޓްގެ ބާވަތްތައް ކެއުމަކީ މުހިންމު ފެޓީ އެސިޑްގެ ބައިތައް އަނބުރާ ހޯދަން ފަސޭހަ ގޮތެކެވެ. ލޭގެ ޕްރެޝަރާއި ސަރުބީ ދަށްކޮށްދޭ އެއްޗަކަށް ވާތީ ކާން ވަރަށް ރަނގަޅެވެ.
ގޮވާމަކީ ހަމައެކަނި ފުށާއި ހަނޑުލެއް ނޫނެވެ. ގޮވާމުގައި މަތީ މިންވަރަކަށް ޕްރޮޓީން ހިމެނިފައި ހަޖަމުކުރަން ވަރަށް ފަސޭހަ އެވެ. އަދި އޯޓްސް ވެސް އެ ވަގުތަށް ވަރަށް ކަމުދާނެ އެވެ. އެކަމަކު މާގިނައިން ކާބޯހައިޑްރޭޓްސް ގިނައިން ކެެއުމުން ބަނޑަށް ބަރުވާނެ އެވެ. ހާއްސަކޮށް ހުދު ބަތާއި ހުށު ފުށް ނުކެއުން ރަނގަޅެވެ.
ބިހުން ލިބޭ ޕްރޮޓީންގެ ބައި ގިނަ އެވެ. އަދި ވިޓަމިނާއި މިނަރަލްސް އަކީ ވެސް ލިސްޓަށް އިތުރު ކުރަންޖެހޭ ދެ މާއްދާ އެވެ. ސަރުބީއާ މެދު ކަންބޮޑުވެގެން ނުކައި ނުހުންނާށެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ބިހުން ސަރުބީ އިތުރެއް ނުވެ އެވެ.