ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން އޭސީސީން ވެސް ނިންމައިފި
ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން އޭސީސީން ވެސް ނިންމައިފި

މުވައްޒަފުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ހަމަޖައްސައިފި އެވެ.

އޭސީސީން ބުނީ އެ ކޮމިޝަންގެ މުވައްޒަފުން ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން މި މަހުން ފެށިގެން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ސިއްހީ ޚިދުމަތް ދޭ މަރުކަޒަކުން ދޫކުރާ ލިޔުމުގައި ބުނާ ތާރީޚުން ފެށިގެން ނުވަތަ މުވައްޒަފު ވިހާ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ހަ މަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދޭ ޗުއްޓީ ވެސް އެއް މަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން ސަރުކާރުން މިދިޔަ މަހު ނިންމުމާ އެކު، މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުން ވެސް ވަނީ ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށްފަ އެވެ.