09 އެޕްރީލް 2019 - 13:43

ތެހެރާން (އެޕްރީލް 9) - މެދުއިރުމަތީގައި އޮތް އެމެރިކާ ސިފައިންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އެމެރިކާ އަކީ ވެސް ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުން މިހެން ބުނެފައި ވަނީ އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑްސް ކޮޕްސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
އީރާނުގެ ރަސްމީ ޓީވީން ބުނެފައި ވަނީ އެމެރިކާ އިން ގާނޫނާ ޚިލާފު ގޮތްގޮތަށް އަމަލު ކުރަމުން ދަނީ މެދުއިރުމަތީގައި ތެހެރާންގެ ބާރުގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކުރުމުގައި އީރާނުން ކާމިޔާބު ހޯދާފައިވާތީ އެކަމާ އެމެރިކާ އިން ހަސަދަވެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ ރިވޮލިއުޝަނަރީ ގާޑްސް ކޮޕްސްއާ ގުޅިފައިވާ ބައެއް ޖަމާއަތްތައް ބްލެކްލިސްޓް ކޮށްފަ އެވެ. ނަމަވެސް މިއީ ރިވޮލިއުޝަނަރީ ގާޑްސް ކޮޕްސް އެކުގައި ބްލެކްލިސްޓް ކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ބޭރު ގައުމެއްގެ އަސްކަރީ ޔުނިޓެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައެޅި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވަނީ މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންގެ ލަޝްކަރު ޓެރަރިސްޓް ގްރޫޕުގެ ލިސްޓުގައި ހިމެނުމަށް ރައީސް ހަސަން ރޫހާނީގެ އަރިހުން އެދިވަޑައިގެންފަ އެވެ.
އީރާނަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ބްރިއަން ހޫކް އަދި ސްޓޭޓް ޑިޕާޓްމަންޓުގެ ކައުންޓަޓެރަރިޒަމް ކޯޑިނޭޓަރު ނަތަން ސޭލްސް ވިދާޅުވީ ޓްރަމްޕް ސަރުކާރުން އެ ނިންމުން ނިންމީ ސަރުކާރުގެ ހުރިހާ އެޖެންސީތަކަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.