09 އެޕްރީލް 2019 - 11:44

ޓިއުރިން (އޭޕްރިލް 9) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މާދަމާރޭ ނެދަލެންޑްސްގެ އަޔަކްސްއާ ދެކޮޅަށް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކުޅެވޭނެ ކަމުގެ އުއްމީދު ބޮޑުވި ނަމަވެސް އިތުބާރު ޑިފެންޑަރު އަދި ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަށް އަނިޔާވެއްޖެ އެވެ.
ޔޫރޯ ކޮލިފައިންގައި ޕޯޗުގަލަށް ކުޅެނިކޮށް ފަލަމަސްގަނޑަށް އަނިޔާވި ރޮނާލްޑޯ މިހާރު އަންނަނީ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ. އެހެންވެ އޭނާ ކުޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޔުވެންޓަސް އިން ބޮޑު އަގުގައި ރޮނާލްޑޯ ގެނައީ ވެސް ސީދާ ޗެމްޕިއަންސް ލީގަށް އަމާޒުކޮށްގެންވާތީ ކިރިޔާ ވެސް ފުރުސަތެއް އޮތަސް ރޮނާލްޑޯ ލައްވާ ކުޅުވާނެ ކަމަށް ބެލެވެ އެވެ. ދެ ވަނަ ބުރުން ޔުވެންޓަސް ސަލާމަތްވީ ވެސް ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް އޭނާ ހެދި ހެޓްރިކުންނެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެގެ ޕްރެކްޓިހުގެ ތެރެއިން ކިއެލީނީގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާގެ ބަދަލުގައި އަރުވަން ހުރި ހަމައެކަނި ޑިފެންޑަރަކީ ޒުވާން ކުޅުންތެރިޔާ ޑެނިއަލީ ރުގާނީ އެވެ. އަނެއް ދެ ޑިފެންޑަރުން ކަމަށްވާ މާޓިން ސަސެރެސް އާއި އަންދްރޭ ބަރްޒާލީ ތިބީ އަނިޔާގަ އެވެ.