31 އޯގަސްޓް 2016 - 12:03

ހުޅުމާލޭގައި 2،500 ސޯޝަލް ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އިއުލާންގައި ވަނީ ފިނޭންސް މިނިސްޓްރީގެ ބޭނުމަށް ސޯޝަލް ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 2،500 ހައުސިން ޔުނިޓު ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމަށްޓަކައި، ކޮމްފެނީ ޕްރޮފައިލާއި ދާއިރާއިން ކޮށްފައިވާ ކަންތައްތަކުގެ ތަފުސީލާއި މަސައްކަތްކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މައުލޫމާތު ހުށަހަޅަން ޖެހެ އެވެ.
މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު 26 ކުރިން ފިނޭންސް މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ފޮނުވަން އިއުލާންގައި ވަނީ އެދިފަ އެވެ.
ހުޅުމާލޭގައި 2،500 ސޯޝަލް ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކުރިއިރު، އެތަނުގައި 15،000 ހައުސިން ޔުނިޓް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅަން ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ހައުސިން ޔުނިޓް އެޅުމުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެޗްޑީސީން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްގެން ހައުސިން ޔުނިޓް އަޅާ ސަރަހައްދުގެ ބޯހޯލް ތޮރުފައިގެން ޓެސްޓްތަކެއް ހަދަމުން އަންނަ ކަމަށެވެ. އެއީ އެ ފިޔަވަހީގައި ހަދާ ފުރަތަމަ އިމާރާތަށް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.