09 އެޕްރީލް 2019 - 11:54

ލިވަޕޫލް (އޭޕްރީލް 9) - މި ސީޒަނުގައި ލިވަޕޫލްގެ ހަމައެކަނި އަމާޒަކީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުން ނޫން ކަމަށާއި ޗެމްޕިއަންސް ލީގު އަބަދުވެސް އެ ޓީމަށް ހާއްސަވާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އެއް މެޗު އިތުރަށް ކުޅެގެން ލިވަޕޫލް މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލިވަޕޫލް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވީ މެޗުގެ ފަހު ވަގުތުގަ އެވެ.
މިދިޔަ ފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުން ލިވަޕޫލް ވަނީ ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ. ކްލޮޕް ބުނީ ޕްރިމިއާ ލީގެކޭ އެއް ގޮތަށް ޗެމްޕިއަންސް ލީގަކީ ވެސް މި ފަހަރު ލިވަޕޫލުން ޓާގެޓްކުރާ މުބާރާތެއް ކަމަށެވެ.
"ލިވަޕޫލްގެ ތާރީހުން ވެސް ހެކިދޭނެ ކަމަކީ މި ޓީމަށް އަބަދުވެސް ޗެމްޕިއަންސް ލީގު ހާއްސަވާނެ. އަހަރެމެންގެ މަސައްކަތުގައި މިހާތަނަށް މަދުވަނީ ތަށި. މި ސީޒަނުގައި އޭގެން އަމާޒަކަށް ވާސިލްވުން އެންމެ މުހިއްމީ،" ލިވަޕޫލާ ހަވާލުވި ފަހުން މިހާތަނަށް ތިން ފައިނަލުން ބަލިވެފައިވާ ކްލޮޕް ބުންޏެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް ލިވަޕޫލުން ކުރަން ޖެހުނީ އުނދަގޫ ދަތުރެކެވެ. ގްރޫޕް ސްޓޭޖުގައި ރަށުންބޭރުގައި ލިވަޕޫލް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެ ޓީމު ދެ ވަނަ ބުރުން ފުރުސަތު ހޯދީ އަމިއްލަ ދަނޑުގައި ހޯދި ތިން މޮޅާ އެކު އެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި ލިވަޕޫލުން ވަނީ ރަށުންބޭރުގައި ބަޔާން މިއުނިކް ބަލިކޮށްފަ އެވެ.
ކުއާޓާ ފައިނަލުގައި މިރޭ ލިވަޕޫލް ނުކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ލިވަޕޫލް ވަނީ ފަސޭހަކަމާ އެކު ޕޯޓޯގެ މައްޗަށް ކުރިހޯދައިފަ އެވެ. ކްލޮޕް ބުނީ ޕޯޓޯ މި ފަހަރު ނުކުންނާނީ ބަދަލުހިފުމުގެ ރޫހެއްގައި ކަމަށެވެ.
"ޕޯޓޯ ވަރަށް ވަރުގަދަކޮށް މިހާރު އޮތީ. ދެ ވަނަ ބުރުގައި ރޯމާއާ ދެކޮޅަށް ވެސް އެ ޓީމުން މޮޅު ކުޅުމެއް ދެއްކި. މިއީ އަހަރެމެން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކުޅެން ޖެހޭނެ މެޗެއް. ބަޔާން މެޗުގެ ނަތީޖާ އިން ހިތްވަރު ލިބުނަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއީ މާޒީ،" ކްލޮޕް ބުންޏެވެ.
ޔޫރަޕް މުބާރާތްތަކުގައި އެންމެ ފަހުން ޕޯޓޯއާ ދެކޮޅަށް ލިވަޕޫލް ކުޅުނު ހަ މެޗުން ވެސް ބައްޔެއް ނުވެ އެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.