ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ އެކްޓަރަކަށް
ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ އެކްޓަރަކަށް

"ރަންގީލާ" އާއި "ސަރުކާރު" އަދި "ޕިޔާރް ތޫނޭ ކިޔާ ކިޔާ" ފަދަ ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) އެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބޮޑު ސްްކްރީނަށް އަންނަން ތައްޔާތުވެއްޖެ އެވެ.

އުމުރުން 57 އަހަރުގެ ޑައިރެކްޓަރު އެކްޓަރެއްގެ ގޮތުގައި ތައާރަފުވާ ފިލްމުގެ ނަމަކީ "ކޯބްރާ" އެވެ. މީގައި އޭނާ ޑައިރެކްޓަރު އަގަސްތިއާ މަންޖޫއާ އެކު ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ހިއްސާވެ އެވެ.

އާރްޖީވީ ޓްވިޓާގައި ހިއްސާކޮށްފައިވާ ފިލްމުގެ ޕޯސްޓަރު ބުނާ ގޮތުން މި ފިލްމަކީ އިންޑިއާގެ ނުރައްކާތެރި ކުށްވެރިއެއްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ކޯބްރާ" ގައި އޭނާ ފެނިގެން ދާނީ އާރް ނަމަކަށް ކިޔާ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލުންނެވެ.

ހިންދީ އާއި ތަމަޅަ ބަހުން ހަދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ތަމަޅަ އެކްޓަރުން ކަމަށްވާ ކޭޖީ އާއި ރަންގަ ރާއޯ ވެސް ހިމެނެ އެވެ.

އެކްޓަރެއްގެ ގޮތުގައި އާރްޖީވީ ނުކުންނަން އުޅޭކަން ހިއްސާ ކުރުމުން އޭނާއާ އެކު "ސަރުކާރު" ސީރީޒްގައި މަސައްކަތްކޮށްފައިވާ އެކްޓަރު އަމީތާބް ބައްޗަން ވަނީ ޓްވިޓާގައި މަރުހަބާ ވެސް ކިޔައިފަ އެވެ. އެ ޓްވީޓްގައި އަމީތާބު ބުނީ މިއީ އަނެއްކާ އެކްޓިން ދާއިރާ އިން ކުރިމަތިވާނެ އިތުރު ވާދަވެރި ކަމެއް ކަމަށެވެ.

"ކޯބްރާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އާރްޖީވީ ޑައިރެކްޓްކޮށް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ އަގަސްތިއާއާ ގުޅިގެން ޑައިރެކްޓްކޮށް މިދިޔަ މަހު ރިލީޒް ކުރި "ލަކްޝްމީޒް އެންޓީއާރް" އެވެ.