ހަޒާޑް ޗެލްސީ ތިން ވަނަ އަށް ގެންގޮސްދީފި
ހަޒާޑް ޗެލްސީ ތިން ވަނަ އަށް ގެންގޮސްދީފި

ލަންޑަން (އޭޕްރީލް 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެޑެން ހަޒާޑްގެ ލަނޑުތަކާ އެކު 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ޗެލްސީ ލީގުގެ ތިން ވަަނަ އަށް ޖެހިލައިފި އެވެ.

ޗެލްސީ ތިން ވަނަ އަށް އެރީ 33 މެޗުން 66 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް އަށް 32 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ފަސް ވަނައިގައި އޮތީ 32 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަ ވަަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 32 މެޗުން 61 ޕޮއިންޓެވެ.

ރޭގެ މެޗު ފަށަައިގެން ޗެލްސީން ވެސްޓް ހޭމަށް ޕްރެޝަރު ކުރަމުންދިޔައިރު، ހަޒާޑް ފުރަތަމަ ލަނޑު ޖެހީ މެޗުގެ 24 ވަނަ މިނިޓްގަ އެވެ. ހާފްގެ މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން ވަދެ ހަޒާޑް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑުފުޅާކޮށްދޭން ގޮންޒާލޯ ހިގުއައިން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ވެސްޓް ހޭމް އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުން ރޮބަޓް ސްނޮޑްގްރާސް އާއި އާރޮން ކްރެސްވެލް ޖެހި ބޯޅަތައް ޗެލްސީގެ ގޯލުކީޕަރު ކެޕަ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ. ހަޒާޑް ޗެލްސީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ރޮސް ބާކްލޭ ދިން ބޯޅައަކުންނެވެ.

ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން އަލުން ހަވާލުވުމަށް ފަހު އަންނަ ސީޒަނުގައި ޓީމު ވަރުގަދަކުރުމުގެ ގޮތުން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިޔަކީ ހަޒާޑް އެވެ. ރިޕޯޓްތައް ބުނާގޮތުން ހަޒާޑް މި ސީޒަނަށް ފަހު ޗެލްސީ ދޫކޮށް ރެއާލަށް ބަދަލުވާން ހުރިހާ ކަމެއް ވަނީ ނިމިފަ އެވެ.

ރޭގެ މެޗަށް ފަހު ސާރީ ބުނީ ހަޒާޑް ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އޭނާ އަށް އެކަން ކުރުމުގެ ފުރިހަމަ އިހުތިޔާރުދޭން ޖެހޭ ކަމަށެވެ.

"ހަޒާޑް އާ ތަޖުރިބާއެއް ކުރަން ބޭނުންވެއްޖެނަމަ ވަރަށް އުނދަގޫވާނެ މި ޓީމުގައި އޭނާ މަޑުކުރުވަން. މިހާރުގެ ޓްރާންސްފާ މާކެޓްގައި 100 މިލިއަން ޔޫރޯ އަކީ މަދު އަދަދެއް. ހަޒާޑް ބަހައްޓަން އަހަރެން ވެސް ބޭނުން ކްލަބް ވެސް ބޭނުން. އެކަމަކު އޭނާގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭ،" ކުރިން ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ބުންޏެވެ.

އަންނަ އަހަރު ޖޫން މަހު ހަޒާޑް ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ޗެލްސީން މިހާތަނަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. ބެލްޖިއަމްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަޒާޑް ވަނީ ރެއާލާ ގުޅެން ނިންމައިފަ އެވެ. އަދި ޗެލްސީ އަށް މި ސީޒަން ނިމުމުން ރަސްމީކޮށް އެކަން އަންގާނެ އެވެ.

ޗެލްސީ ދެން ކުޅޭ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެކް ރިޕަބްލިކްގައި އެ ގައުމުގެ ސްލަވިއާ ޕްރާގްއާ ދެކޮޅަށެވެ. އެ އަށް ފަހު ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ކުޅޭނީ ލިވަޕޫލްއާ އެވެ.