09 އެޕްރީލް 2019 - 07:12

ގަބޫލުކުރަން އުނދަގޫ ވާހަކައެކެވެ. މި ގަދަ ހޫނުގައި ކޮންމެ މީހަކު ވެސް ބޭނުންވާނީ ފިނި އެއްޗެއް ބޯލާށެވެ. ރޯފިލާ ވަރުގެ ގަދަ ހޫނުގައި އުޅެފައި ގޮސް ހޫނު ސައި ބޯނީ ކާކުހެއްޔެވެ
އެކަމަކު އިންޑިއާގެ ބައެއް ހިސާބުތަކުގައި، ހޫނު ގަދަވުމުން ހޫނު ސައި ބުއިމަކީ އާންމު ކަމެކެވެ. އެ މީހުން ބުނަނީ އޭރުން ހަށިގަނޑު ފިނިވާ ކަމަށެވެ. އެހެން ވާނެހެއްޔެވެ؟
ސައިންސްވެރިން ބުނަނީ މިއީ ހަގީގަތަކަށް ވެދާނެ ކަމަށެވެ. އެކަމަކު ބައެއް ހާލަތްތަކުގަ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި، ހޫނު ދުވަހަކު ހޫނު އެއްޗެއް ބުއިމުން ހަށިގަނޑުން އިތުރަށް ހިއްލާ ދަލުގެ ސަބަބުން ހަށިގަނޑު ފިނިވެދާނެ ކަމަށެވެ. އެކަމަކު މިހެން ދިމާވާނީ ވަރަށް ގިނަ އެހެން ސަބަބުތައް ވެސް ހުރެގެން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެއީ ބޯ އެއްޗެއްގެ ހޫނުމިން ހުރި ވަރަކާއި ބޯ މިންވަރަކާއި އެ މީހަކު އެ ހުންނަ މާހައުލެއްގެ ފިނިހޫނުމިނުގެ މައްޗަށެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ހުންނަ، ފްލޯރޭ އިންސްޓްޓިއުޓް އޮފް ނިއުރޯސައިންސް އެންޑް މެންޓަލް ހެލްތުގެ ނިއުރޯ ސައިންޓިސްޓް ޕްރޮފެސަރު ރޮބިން މެކްއެލަން އޭބީސީ ނިއުސް އަށް ވިދާޅުވި ގޮތުގައި ހޫނު ދުވަހަކު ހޫނު އެއްޗެއް ބުއިމަކީ އާދަޔާ ހިލާފް، މޮޔަ ކަމެއްގެ ގޮތުގައި ހީވެދާނެ އެވެ. އެކަމަކު މިފަދަ ބުއިމެއްގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިނަށް އަންނާނީ ވަރަށް ކުޑަ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައި ޖޯޑެއްގައި ހުންނަ މިންވަރަށް އެދިފޮދެއް ބޯލައިގެން، ބޮޑު މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިނަށް ބޮޑު ބަދަލެއް ނާންނަނީ ހަށިގަނޑުގައި ހުންނަ ފެނުގެ މާއްދާތައް ގިނަވުމުން ކަމަށެވެ. އެހެންވެ، އާދައިގެ ތައްޓެއްގެ، ހޫނު އެއްޗެއް ބުޔަސް އަދި ފިނި އެއްޗެއް ބުޔަސް ހަށިގަނޑުގެ ފިނިހޫނުމިނަށް އެނގުންވާ ވަރުގެ އަސަރެއް ނުކުރަނީ އެވެ.
އެކަމަކު ހޫނު އެއްޗެއް ބޯލުމާ އެކު ހަށިގަނޑުގެ ފިނިހޫނުމިނާ ބެހޭ ސެންސާތައް ހަރަކާތްތެރިވާން ފަށަ އެވެ. ނަތީޖާ އަކީ ދާ ހިއްލުމެވެ. ދާ ހިއްލަނީ ހަށިގަނޑު މާބޮޑަށް ހޫނުވެއްޖެ ނަމަ ފިނިކޮށްލަދިނުމަށެވެ.
އެކަމަކު މިހެން ހިއްލާ ދަލުން ހަށިގަނޑު ފިނިވާނީ، ދާތައް އެވަޕޮރޭޓްވާނެ ގޮތަށް ހުރި ނަމަ އެވެ. ދާ ހިއްލާ ފޯވެ، ދާ ތިކި ޖެހިޔަކަށް ނަތީޖާއެއް ނުފެންނާނެ އެވެ. މާނަ އަކީ، ހޫނުވެ ދާ ހިއްލުމުން އެ ދާތައް ހިކެން ވަގުތު ނުލިބި އިތުރަށް ދާ ހިއްލާ ގޮތަށް ހޫނު އެއްޗެއް ބުއިމުން ފައިދާއެއް ނުކުރުމެވެ. މި ހާލަތުގައި ރަނގަޅުވާނީ ފިނި އެއްޗެއް ބުއިއްޔާ އެވެ.
"ހަށިގަނޑުގެ ފިނި މިނަށް ވުރެ ފިނި އެއްޗެއް ބޮއެފި ނަމަ، އެ ބުއި އެއްޗަކަށް ހޫނުތައް ދެމިގަންނާނެ،" ޔުނިވަސިޓީ އޮފް ސިޑްނީގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އޮލީ ޖޭ އޮޅުންފިލުވައިދެއްވި އެވެ.
އޭނާ ވިދާޅުވީ މިހެން ވުމުން ހޫނުތައް، ފެނާ އެކު ބޭރުކޮށްލާނެ ކަމަށެވެ. އެކަމަކު މިހެން ހެދުމުން، ހަށިގަނޑު ފިނިކޮށްދިނުމަށް ދަލެއް ނުހިއްލާނެ އެވެ. އެކަމަކު ހޫނު އެއްޗެއް ބުއިމުން ހަށިގަނޑު ހޫނުވާ ވަރަށް ވުރެ ބޮޑަށް، ހަށިގަނޑުން ބޭރުކޮށްދޭ ދަލުން ލިބޭ ފިނިކަން ބޮޑީ އެވެ.
މައްސަލަ އަކީ ހިއްލާ ދާތައް އެވަޕޮރޭޓްވާނެ ގޮތަކަށް ނުހުރެވުމެވެ.
ޖޭ އާއި އޭނާގެ ޓީމުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، ކްރަޝްޑް އައިސް ނުވަތަ ގަނޑުފެން ފިސްކޮށްގެން ހަދާ އެއްޗެއް ބުއިމަށް ވުރެ، އަހަރެމެންގެ ހަށިގަނޑުގެ އެވްރެޖް ފިނިހޫނުމިން ކަމަށްވާ 37 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ހުންނަ އެއްޗެއް ބުއިމުން ހަށިގަނޑަށް މާ ފިނިވެ އެވެ.
މިހެން ވަނީ އައިސް އަޅާފައި ހުންނަ އެއްޗެއް ބުއިމުން ހަށިގަނޑުގެ ދާ ހިއްލުމުގެ ނިޒާމު ހުއްޓުވާލާތީ އެވެ. ނަތީޖާ އަކީ ހަށިގަނޑުގައި ހޫނުތައް ހިފެހެއްޓުމެވެ.
ސައިންސްވެރިން ބުނަނީ ހޫނު ގަދަ ނަމަ ހޫނު އެއްޗަކުން ފިނިވާނީ އެ އެއްޗެއް ބޮއެގެން ހިއްލާ ދާ އެވަޕޮރޭޓްވެ ނުވަތަ ހިކޭނެ ގޮތަކަށް ހުރުމުން ކަމަށެވެ.
"ހޫނު ގަދަ ވަގުތެއްގައި ހޫނު އެއްޗެއް ބޯން ބޭނުން ނަމަ އަދި ދާ ހިއްލިޔަސް މައްސަލައެއް ނެތް ނަމަ ފަންކާއަކުން ކުޑަކޮށް ނަމަވެސް ވައި އަންނަ ތަނެއްގައި ހުރެގެން ހޫނު އެއްޗެއް ބޯންވީ،" ޖޭ ވިދާޅުވި އެވެ.
އެކަމަކު އޭނާގެ ލަފަޔަކީ ހޫނުވެގެން އުޅޭ ނަމަ ހަށިގަނޑުގެ ފިނިހޫނުމިނާ އެއްވަރަށް ހުންނަ އެއްޗެއް ބުއިމެވެ.