ޕްރިންސް ހެރީގެ ދެކަނބަލުންގެ އިންސްޓަގްރާމް އެކައުންޓް ރެކޯޑް ހަދައިފި
ޕްރިންސް ހެރީގެ ދެކަނބަލުންގެ އިންސްޓަގްރާމް އެކައުންޓް ރެކޯޑް ހަދައިފި

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ އިންސްޓަގްރާމް އެކައުންޓް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ސަސެކްސްރޯޔަލްގެ ނަމުގައި ބޭނުންކުރަން ފެށި އެކައުންޓް ރިކޯޑް ފޮތުން ޖާގަ ހޯދީ، އެކައުންޓް އާންމު ކުރިތާ 5 ގަޑިއިރާއި 45 މިނިޓްގެ ތެރޭގައި އެއް މިލިއަން ފޮލޯވަރުން ހަމަކޮށްގެންނެވެ.

ކުރިން އެ ރިކޯޑް އޮތީ ދެކުނު ކޮރެއާގެ ރިއަލިޓީ ޝޯ "ކޭ-ޕޮޕް ސްޓާ" ކޭންގް ޑެނިއެލް، 22، ގެ އަތުގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު ރެކޯޑް ހެދީ އިންސްޓަގްރާމް އެކައުންޓް ބޭނުންކުރަން ފެށިތާ 11 ގަޑިއިރާއި 36 މިނިޓްގެ ތެރޭގައި އެއް މިލިއަން ފޮލޯވަރުން ހަމަކޮށްގެންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ބައްލަވައިގަތް ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަންގެ އިންސްޓްގްރާމްގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 4.3 މިލިއަނަށް އަރައިފަ އެެވެ. އެ އެކައުންޓުން ތޭވީހަކަށް ފަރާތެއް ފޮލޯކުރައްވަ އެވެ.

ޕްރިންސް ހެރީ އާއި މޭގަން މިހާރު ގެންދަވަނީ އަލަތު ދަރިފުޅަށް އިންތިޒާރު ކުރައްވަމުންނެވެ. ދަރިފުޅު އުފަންވާނެ ކަމަށް ބެެލެވެނީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެވެ. ރިޕޯޓްތައް ބުނާ ގޮތުން ހެރީ އާއި މޭގަން އަށް ލިބިވަޑައިގަންނަވަނީ އެއްމާބަނޑު ދެ ކުދިންނެވެ.

ނަމަވެސް އެކަމާ ބެހޭ ގޮތުން ޝާހީ އާއިލާ އިން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

ޕްރިންސް ހެރީ އާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން މޭގަންއަކީ ޓްވިޓާ އާއި އިންސްޓަގްރާމް ފަދަ ސޯޝަލް ޕްލެޓްފޯމްތައް ބޭނުން ކުރެއްވި ކަނބަލެކެވެ. އެކަމަކު 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހެރީއާ އެންގޭޖްވެވަޑައިގަތުމާ އެކު އެ އެކައުންޓްތައް ބޭނުން ކުރެއްވުން ވަނީ ހުއްޓަވާލައްވައިފަ އެވެ.