80 ޕަސެންޓް މީހުން ވޯޓުލި، މިއީ ރެކޯޑެއް
80 ޕަސެންޓް މީހުން ވޯޓުލި، މިއީ ރެކޯޑެއް

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 ޕަސެންޓް މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން ފެށުމުގެ ކުރިން އިންތިހާބާ ބެހޭ މައި މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި މީހުން އެންމެ ގިނައިން ވޯޓްލީ އިންތިހާބު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބުގައި 105،077 އަންހެނުންނާއި 107،002 ފިރިހެނުން ވޯޓު ލި އެވެ.

"ގާތްގަނޑަކަށް [ދެ ޖިންސް] ވަރަށް ހަމަ ހަމަ، އެއްވަރު އަދަދެއްގެ ބޭފުޅުން ވޯޓް ލައްވާފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ގޮތުން ކުދިކުދި ބައެއް ޝަކުވާތައް އައި ނަމަވެސް އިންތިހާބުގެ ކަންތައްތައް ކުރިއަށް ދިޔައީ ވަރަށް އަމާން އޮމާންކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ގިނަ ބައެއްގެ ހިއްސާ އޮވެގެން ހޯދުނު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން، ސަލާމަތީ ކަންތައްތައް ބެލެހެއްޓި ފުލުހުންނަށާއި އިންތިހާބަށް ރައްޔިތުން ހޭލުންތެރި ކުރުވީތީ މީޑިއާއަށް ވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އޭގެ އިތުރުން އިންތިހާބު އޮބްޒާވްކުރި އޮބްޒާވަރުންނަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ.

"މި އިންތިހާބު މިހާ ހާމަކަންބޮޑު އިންތިހާބެއްގެ ގޮތުގައި ރައްޔިތުންނަށް ފާހަގަ ވެގެން މިދާ އެއް ސަބަބަކީ މިކަމުގައި ރާއްޖޭގެ އަދި ހާއްސަކޮށް މާލޭގައި މިހަރަކާތްތެރިވާ ރާއްޖޭގައި މިހަރަކާތްތެރިވާ މީޑިއާތައް މި ކަމުގައި ވެދެއްވި އެއްބާރުލުންކަން އަޅުގަނޑު ގަބޫލުކުރަން،" ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި ވޯޓްލުން ފެށި އިރު ފެނުނީ މަދު ބަޔަކު ވޯޓު ލާން ގޮސް ތިއްބަ އެވެ. ނަމަވެސް މެންދުރު ފަހު ގިނަ ބަޔަކު ނިކުތެވެ. އަދި ފަހުން ވަނީ ވޯޓުލުމުގެ ވަގުތަށް ދެ ގަޑިއިރު އިތުރުކޮށް، ހައެއް ޖަހަންދެން ކުރިއަށް ގެންގޮސްފަ އެވެ.