ވެލެންސިއާގެ އަލެސެޔާ ބާސެލޯނާ އަށް
ވެލެންސިއާގެ އަލެސެޔާ ބާސެލޯނާ އަށް

ބާސެލޯނާ (އޮގަސްޓް 31) - ބާސެލޯނާ އިން ވެލެންސިއާގެ ފޯވާޑް ޕަކޯ އަލެސެޔާގެ ސޮއި ހޯދިއިރު ބާސެލޯނާގެ ފޯވާޑް މުނީރް އެލް ހައްދާދީ، ލޯނެއްގެ ދަށުން ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

މިދިޔަ ތިން ސީޒަނުގައި 30 ލަނޑު ޖަހާފައިވާ އުމުރުން 23 އަހަރުގެ އަލެސެޔާ އަކީ ސްޕެއިނުގެ އެންމެ އުއްމީދީ އެއް ފޯވާޑެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

އުމުރުން 20 އަހަރުގެ މުނީރް ލޯނެއްގެ ދަށުން ވެލެންސިއާއަށް ބަދަލުވި ނަމަވެސް ސީޒަން ނިމުމުން 12 މިލިއަން ޔޫރޯއަށް އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އަލެސެޔާއަކީ އާ ސީޒަނަށް ބާސެލޯނާ އިން ގެނައި ހަ ވަނަ ކުޅުންތެރިޔާ އެވެ. އެ ޓީމުން ގެނައި ކުޅުންތެރިންނަކީ ގޯލްކީޕަރު ޔެސްޕާ ސިލެސެން އާއި ޑިފެންޑަރު ލޫކަސް ޑީނޭ އާއި ސެމުއަލް އުމްޓީޓީ އާއި މިޑްފީލްޑަރު ޑެނިސް ސުއަރޭޒް އަދި އަންދްރޭ ގޯމޭޒް އެވެ.

ބާސެލޯނާ އިން އާ ފޯވާޑެއް ގެނައިއިރު އެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ ތިން ފޯވާޑުން އެބަތިއްބެވެ. އެއީ ލިއޮނަލް މެސީ އާއި ނޭމާގެ އިތުރުން ލުއިސް ސުއަރޭޒެވެ.