އިންތިހާބު ރަނގަޅު، ވޯޓުގެ ކުރިން އޮބްޒާވް ކުރަން ޖެހޭ: އޮބްޒާވަރުން
އިންތިހާބު ރަނގަޅު، ވޯޓުގެ ކުރިން އޮބްޒާވް ކުރަން ޖެހޭ: އޮބްޒާވަރުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިންތިޒާމްތައް ރަނގަޅު ކަމަށާއި އެހެން ނަމަވެސް އިންތިހާބުތަކުގައި، ވޯޓް ލުމުގެ އެއް ދުވަސް ކުރިން އެ މަރުހަލާތައް އޮބްޒާވް ކުރުން މުހިއްމު ކަމަށް ބޭރުގެ ބައެއް އޮބްޒާވަރުން ބުނެފި އެވެ.

އިންތިހާބު ރަނގަޅު، ވޯޓުގެ ކުރިން އޮބްޒާވް ކުރަން ޖެހޭ: އޮބްޒާވަރުން
އިންތިހާބު ރަނގަޅު، ވޯޓުގެ ކުރިން އޮބްޒާވް ކުރަން ޖެހޭ: އޮބްޒާވަރުން

މަޖިލިސް އިންތިހާބު އޮބްޒާވް ކުރަން އައި ވަފުުދުތަކުގެ ތެރެއިން ޖޯޖިއާ، އުރުދުން އަދި ފިލިޕީންސްގެ އިލެކްޝަން ކޮމިޝަން، ޖަޕާން ސަރުކާރު އަދި އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސްގެ އޮބްޒާވަރުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ހުރިހާ އޮބްޒާވަރުން ވެސް ބުނީ މި ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ކަންތައްތައް ރަނގަޅު ކަމަށެވެ. އެގޮތުން އެއީ ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑުމެންގެ މެންޑޭޓް އޮތީ ވަކި ވަރަކަށް. އެއީ ވޯޓު ލުމާ، ވޯޓް ގުނުން އަދި ނަތީޖާ ސާފުކުރުން. އެކަންތައްތައް ކުރިއަށް ދިޔައީ ނުފޫޒެއް ނެތި ދެފުށް ފެންނަ ގޮތަކަށް. ވަރަަށް ރަނގަޅަށް،" ޖޯޖިއާގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަޑައިގެންނެވި ޖިއޯޖީ ކަލަންޑާރިޝްވިލީ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އިންތިހާބެއް ރަނގަޅަށް އޮބްޒާވް ކުރާ ނަމަ ވޯޓް ލުމުގެ ކުރިން ހަމަޖައްސާ އިންތިޒާމްތަކާއި ކެމްޕޭން ކުރިއަށްދާ ގޮތް ރާއްޖޭގެ އޮބްޒާވަރުންގެ އިތުރުން ބައިނަލް އަގުވާމީ އޮބްޒާވަރުން ވެސް ބެލުން މުހިއްމެވެ.

"އިންތިހާބުގެ ކުރީގެ މަރުހަލާ އާއި އިންތިހާބުގެ ފަހުގެ މަރުހަލާ އަޅުގަނޑުމެންނެއް ނުބަލަން. އެކަމަކު ވޯޓް ލާފައި ނުކުތް ބައެއް މީހުންނާ ވާހަކަ ދެއްކިން އެ މީހުންނަށް ނުފޫޒެެއް އޮތްތޯ،" އޭނާ ވިދާޅުވި އެވެ.

ނޫސް ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަ ދައްވަމުން އޭނާ ވިދާޅުވީ އިންތިހާބާ ބެހޭ ގޮތުން މީހުންގެ އެއްވެސް ޝަކުވާއެއް އަޑު އިވިފައި ނުވާ ކަމަށެވެ.

އުރުދުންގެ ފަރާތުން އިންތިހާބު އޮބްޒާވް ކުރައްވަން ވަޑައިގެންނެވި އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނަރު ފައިސަލް ޝުބޫލް ވިދާޅުވީ އިންތިހާބުގެ ކަންތައްތައް ރަނގަޅު ކަމަށާއި އެހެން ނަމަވެސް ވޯޓް ފޮށި ކައިރީގައި ތިބޭ އޮފިޝަލުން އިތުރަށް ތަމްރީނު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯޓް ލާން ކިއުގައި ބަޔަކު ނެތް ނަމަވެސް ބައެއް ވޯޓްފޮށިތައް ގުނަން ފެށުން ލަސްވީ އޮފިޝަލުން ތަމްރީނު ވެފައިވާލެއް ކުޑަކަމުންނެވެ.

"ބައެއް ފޮށިތައް [ގުނަން] ހުޅުވީ 7:30 ގެ ފަހުން. އަޅުގަނޑު ދެކޭ ގޮތުގައި ބައެއް ފޮށިތަކުގެ ކައިރީގައި ތިއްބެވި އޮފިޝަލުން ތިއްބެވީ ރަނގަޅަށް ތަމްރީނު ނުވެ،" އޭނާ ވިދާޅުވި އެވެ.

އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސްގެ ފަރާތުން ވަޑައިގެންނެވި ޗާންދަނީ ވަޓަވަލާ ވިދާޅުވީ އިންތިހާބު ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި ރަނގަޅު ކުރެވޭނެ ބައެއް ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ އިންތިހާބާ ބެހޭ ބައެއް ގަވައިދުތައް ބަދަލުކޮށް މިހާރަށް ވުރެ ރަނގަޅު ކުރެވިދާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 220000 އަށް ވުރެ ގިނަ މީހުން ވޯޓު ލި އިރު އެ އިންތިހާބު ނިމުނީ ވަރަށް އޮމާންކޮށެވެ. މިހައިތަނަށް ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 އަށް ވުރެ ގިނަ ގޮނޑި ނަގާފަ އެވެ.