"ދަބަންގް 3" ގެ ވިލަން އަކީ ސައުތުގެ އެކްޓަރު ސުދީޕް
"ދަބަންގް 3" ގެ ވިލަން އަކީ ސައުތުގެ އެކްޓަރު ސުދީޕް

ސަލްމާން ހާންގެ "ދަބަންގް" ސީރީޒަކީ އަބަދު ވެސް އޭގެ ހީރޯ އާއި ވިލަންއާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާ ތަން ދައްކުވައިދޭ ފިލްމުތަކެވެ.

"ދަބަންގް 3" ގެ ޝޫޓިން މިހާރު މަދިޔަ ޕްރަދޭޝްގައި ކުރިއަށްދާ އިރު، ފިލްމުގެ މައި ވިލަންއަކީ މި ފަހަރު ވެސް ސައުތުގެ ފިލްމުތަކުން ވިދައިލި އެކްޓަރެކެވެ. އެއީ މަޝްހޫރު އެކްޓަރު ސުދީޕް، 45، އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ދަބަންގް 3" ގައި އޭނާ ފެންނާނީ ލޭންޑް މާފިއާ ލީޑަރެއްގެ ރޯލުންނެވެ. އެއީ ބިންތައް ފޭރުމުގެ އަަޑީގައި ހުންނަ ނުލަފާ ކެރެކްޓާއެކެވެ.

ހަންގާމާ އިން ބުނި ގޮތުގައި ޕްރަބޫދޭވާ ޑައިރެކްޓް ކުރާ ފިލްމުގެ މައިގަނޑު ވާހަކަ މި ފަހަރު އެނބުރެނީ ވެސް އުތުރު އިންޑިއާގެ މާފިއާ ގޭންގްތަކުން ބިންތައް ފޭރުމުގެ ހާދިސާތަކުގެ މައްޗަށެވެ. އަދި ސަލްމާން ފިލްމުގައި ފެނިގެން ދާނީ އެ ޖަރީމާއާ ދެކޮޅަށް މަސައްކަތްކުރާ މީހެއްގެ ރޯލުންނެވެ.

މި ފަހަރު ފިލްމުގައި ސަލްމާންގެ ދެ ދައުރެއް ދައްކުވައި ދޭނެ އެވެ. އެއީ ޒުވާން އުމުރުގައި ގުންޑާއެއްގެ ގޮތުގައި އޭނާ އުޅުނު ގޮތާއި ފަހުން ފުލުހަކަށްވެގެން ކުށްތައް އަރައި ގަންނަ މީހުންނާ ދެކޮޅަށް އޭނާ މަސައްކަތް ކުރާ ގޮތެވެ.

"ދަބަންގް" ގެ ފުރަތަމަ ދެ ބައިގައި ވެސް ކިޔައި ދީފައި ވަނީ މިކަހަލަ ހާދިސާތަކެކެވެ.

އަބިނާވް ކޭޝަޕް 2010 ގައި ޑައިރެކްޓް ކުރި "ދަބަންގް" ގައިި ވިލަންގެ ރޯލް ކުޅުނީ ސައުތާއި ބޮލީވުޑްގައި މަސައްކަތް ކުރާ ސޯނޫ ސޫދެވެ.

އަރުބާޒް ހާން 2012 ގައި ޑައިރެކްޓް ކުރި "ދަބަންގް 2" ގެ ވިލަންއަކީ މި މަހު ބާއްވާ އިންޑިއާގެ އާންމު އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރާ ސައުތުގެ މަޝްހޫރު އެކްޓަރު ޕްރަކާޝް ރާޖެވެ.

ސޮނާކްޝީ ސިންހާ ބަތަލާގެ ރޯލުން ފެނިގެންދާ "ދަބަންގް" ސީރީޒްގެ ތިން ވަނަ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.