09 އެޕްރީލް 2019 - 07:15

މިހާރު ޝޫޓިން ކުރިއަށްދާ އިރުފާން ހާންގެ "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި "އަނގްރޭޒީ މީޑިއަމް" ގެ ރޯލަކަށް ބަތަލާ ކަރީނާ ކަޕޫރް ސޮއިކުރިކަން ކަށަވަރުވެއްޖެ އެވެ.
އޭނާ ފިލްމުގެ ރޯލަކުން ފެންނާނެ ކަމަށް ބުނެ މީޑިއާތަކުން ހަބަރު ފަތުރަމުން ދިޔަ ނަމަވެސް، ފިލްމު ގެނެސްދޭ މެޑޮކް ފިލްމްސް އިން ކަރީނާ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ނުދެނީސް، ބަތަލާ ރާދިކާ މަދަން ހިއްސާކުރި އިންސްޓްގާރް ޕޯސްޓަކުން އެކަން ވަނީ މިހާރު ޔަގީންވެފަ އެވެ.
ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް އޭނާ ހިއްސާ ކުރި އިރު، އެ ފޮޓޯ ޓެގްކޮށްފައިވާ މީހުންގެ ތެރޭގައި ކަރީނާ ހިމެނެ އެވެ. އެހެންވެ މިއީ "އަނގްރޭޒީ މީޑިއަމް" އިން ކަރީނާ ފެންނާނެކަން ޔަގީންވެގެން ދިޔަ ކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ކަރީނާ ކުޅޭނީ ފުލުހެއްގެ ރޯލެވެ. އަދި އެއީ އެކްސްޓެންޑެޑް ކެމިއޯއެކެވެ.
ހޯމީ އަދަޖާނިއާ ޑައިރެކްޓް ކުރާ ފިލްމުގައި ރާދިކާ ކުޅެނީ އިރުފާންގެ ދަރިއެއްގެ ރޯލެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ދީޕަކް ދޮބްރިޔާ އާއި މަނޫ ރިޝީ ވެސް ހިމެނެ އެވެ.
އުދޭޕޫރްގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން "އަނގްރޭޒީ މީޑިއަމް" ގެ ޝޫޓިން ކުރިއަށްދާ އިރު، ފިލްމުގެ މަންޒަރުތަކެއް ލަންޑަނުގައި ވެސް ނަގާނެ އެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"އަނގްރޭޒީ މީޑިއަމް" ގެ ރޯލަކަށް ކަރީނާ ސޮއި ކުރި އިރު، ސެޕްޓެމްބަރު 6 ގައި ރިލީޒް ކުރާ ފެމިލީ ޑްރާމާ "ގުޑް ނިއުސް" ގެ ޝޫޓިން އޭނާ މިހާރު ވަނީ ނިންމާލައިފަ އެވެ. ކަރީނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރު އަންނަ އަހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ހިމެނެ އެވެ.