އެންމެ ރަނގަޅީ އިޓަލީ މީޑިއާ: މޮރީނިއޯ
އެންމެ ރަނގަޅީ އިޓަލީ މީޑިއާ: މޮރީނިއޯ

މެޑްރިޑް (އޭޕްރީލް 8) - އޭނާ މަސައްކަތްކުރި ގައުމުތަކުގެ ތެރެއިން ދިމާވި އެންމެ ރަނގަޅު މީޑިއާތައް ފެނުނީ އިޓަލީން ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ ވަނީ ސްޕެއިން، ޕޯޗުގަލް، އިޓަލީ އަދި އިންގްލެންޑްގެ އެކި ޓީމުތަކުގައި މަސައްކަތްކޮށްފަ އެވެ. މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރުމުން މޮރީނިއޯ މި ވަގުތު ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެ އެވެ. މިހާރު މަޝްހޫރު ކުޅިވަރު ޗެނަލް ބީންސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މޮރީނިއޯ ވަނީ ވަރަށް އަަވަހަށް އެހެން ކްލަބަކާ ހަވާލުވާނެ ކަމަށް ބުނެފަ އެވެ.

އިޓަލީގެ އިންޓަ މިލާނުގައި މަސައްކަތްކުރިއިރުގެ ތަޖުރިބާތައް ހިއްސާކުރަމުން މޮރީނިއޯ ބުނީ އެއީ އޭނާ އަށް އާދަޔާހިލާފު ތަޖުރިބާއެއް ކުރެވުނު އަހަރުތަކެއް ކަމަށެވެ.

"އެންމެ މޮޅު ނޫސްވެރިންނާއި ފުޓްބޯޅައިގައި އެންމެ ރަނގަޅަށް އުނގެނެން މަސައްކަތްކުރާ މީހުން ތިބީ އިޓަލީގައި. އިޓަލީގެ މީޑިއާ ވަރަށް ރަނގަޅު. އެމީހުންގެ ޝައުގުވެރިކަން ހަމައެކަނި ހުންނާނީ ފުޓްބޯޅަ އަށް އެހެންވެ ހުރިހާ އެންމެން ވެސް ދަނީ އެއް މިސްރާބަކަށް،" މޮރީނިއޯ ބުންޏެވެ.

އިޓަލީގެ މީޑިއާ އާއި ނޫސްވެރިން ތިބެނީ އަބަދުވެސް ހުރިހާ ހާލަތްތަކަށް ތައްޔާރުވެގެން ކަމަށާއި އެ މީހުން މަސައްކަތްކުރަނީ ފުޓްބޯޅަ އަށް ރަނގަޅަކަށް ކަމަށެވެ. އަދި އެގޮތުން ބަލާއިރު ޕޯޗުގަލްގެ ނޫސްވެރިން ވެސް އޭނާ އަށް ކަމުދާ ކަމަށް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އިތުރުން ޗެލްސީ އަށް ވެސް ކޯޗުކޮށްދީފަ އެވެ. އިންގްލެންޑްގައި މޮރީނިއޯ ކުރި ތަޖުރިބާތަކުގައި އޭނާ އާއި އިނގިރޭސި މީޑިއާއާ ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ.

"އިންގްލެންޑްގައި އޮންނަނީ މުޅިން ތަފާތުކޮށް ނޫސްވެރިންނާއި ކޮމެންޓޭޓަރުންނާއި އެނަލިސްޓުން. މީގެ ކޮން ބައެއް ކުރަނީ ކޮން ކަމެއް ކަމެއް ސާފެއް ނުވާނެ. މީގެ އެންމެން ވެސް ގޮތް ނިންމާނީ ފުޓްބޯޅައިގެ ވިސްނުމުގައެއް ނޫން. އެ މީހުންނަށް ކަމުދާ މީހުންނަށް ބަލައިގެން މަސައްކަތްކުރާނީ. އިންގްލެންޑްގައި ދެން ބައެއް ކޮމެންޓޭޭޓަރުންނަކީ އެ މީހުންގެ ނަޒަރުގައި އެންމެ މޮޅު މީހުން،" މޮރީނިއޯ ބުންޏެވެ.

ސްޕެއިނުގައި މޮރީނިއޯ ވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގައި މަސައްކަތްކޮށްފަ އެވެ. އޭނާ ބުނީ ސްޕެއިނުގައި ތިބެނީ ވަރަށް ހީވާގި ކެރޭ ނޫސްވެރިން ކަމަށާއި އެކަމަކު އެންމެ ބޮޑު މައްސަލައަކީ ބޮޑެތި ކްލަބްތަކުގެ ނުފޫޒު އެ މީހުންނަށް ފޯރުންކަމަށެވެ.