"އިސްތިރީ 2" ވަރުން ދަވަންއަކަށް ހުށަހެއްނާޅާ
"އިސްތިރީ 2" ވަރުން ދަވަންއަކަށް ހުށަހެއްނާޅާ

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އިސްތިރީ" ގެ ދެވަނަ ބައިގެ ބަތަލުގެ ރޯލުން ރާޖްކުމާރު ރާއޯގެ ބަދަލުގައި ފެންނާނީ ވަރުން ދަވަން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސް ދިން ހޮރޯ ކޮމެޑީގެ ސީކްއެލްގެ ބަތަލުގެ ރޯލް ވަނީ ވަރުން އަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެކަން ދޮގު ކުރަމުން، ޒުވާން އެކްޓަރު ބުނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"އަހަންނަކަށް އިސްތިރީގެ ސީކްއެލްއެއް އޮފާއެއް ނުކުރޭ. އެހެންވީމާ އެ ފިލްމަކުން އަހަންނެއް ނުފެންނާނެ،" މި މަހުގެ 17 ގައި ރިލީޒްކުރާ "ކަލަންކް" ގެ އެކްޓަރު ބުންޏެވެ.

ވަރުން ބުނި ގޮތުގައި "އިސްތިރީ" އަކީ އޭނާ އަށް ވެސް ވަރަށް ކަމުދިޔަ އަދި ރާޖްގެ ވަރަށް މޮޅު އެކްޓިންއެއް ފެނުނު ފިލްމެކެވެ. އެހެންވެ އޭގެ ދެވަނަ ބަޔަށް އިންތިޒާރު ކުރެވޭ ކަމަށް ބުންޏެވެ.

އަމަރު ކޯޝިކް ޑައިރެކްޓް ކުރި "އިސްތިރީ" ކުޅެގެން ރާޖް އަށް ސްކްރީން އެވޯޑްގެ މޮޅު އެކްޓަރުގެ އެވޯޑް ވެސް މިދިޔަ އަހަރު ލިބިފައިވެ އެވެ. އަމަރު ވެސް ކުރިން ބުނެފައިވާ ގޮތުގައި ފިލްމުގެ ދެވަނަ ބައި ވެސް ގެނެސް ދޭނީ ރާޖާ އެކީގަ އެވެ.

"އިސްތިރީ" ގައި އޭނާއާ އެކު ބަތަލާގެ ރޯލް ކުޅުނީ ޝްރަދާ ކަޕޫރެވެ.

"އިސްތިރީ" އަކީ އިންޑިއާގެ ރަށްފުށުގައި ރޭގަނޑު ޖިންނި، ޒުވާން ފިރިހެނުން ޖަހައި ގަނެގެންދާ ކަމަށް ގަބޫލުކުރެވޭ ހާދިސާތަކުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

އެންމެ 24 ކްރޯޑްގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 180.76 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް ހަދަން ނިންމި ނަމަވެސް، ދެވަނަ ބައި ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.

އަނެއްކޮޅުން "އިސްތިރީ" ގެ ސްކްރީންޕްލޭ ލިޔުނު ރާޖް އެންޑް ޑީކޭ އާއި ދިނޭޝްގެ މެދުގައި ފިލްމުގައި ފައިދާ އިން ބައި އެޅުމުގެ މައްސަލާގައި ގުޅުން ގޯސްވެފައިވާ އިރު، އެ މީހުން ދެވަނަ ބައިގެ ސްކްރީންޕްލޭ ދިނޭޝް އަށް ލިޔެދޭނެތޯ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

"އިސްތިރީ" އަށް ފަހު ދިނޭޝް ވަނީ ރާޖް ހިމަނައިގެން އިތުރުން ހޮރޯ ކޮމެޑީއެއް ވެސް "ރޫހް-އަފްޒާ" ގެ ނަމުގައި އިއުލާންކޮށްފަ އެވެ. އަންނަ އަހަރުގެ މާޗް 20 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އެ ފިލްމުގެ ބަތަލާއަކީ ޖާންވީ ކަޕޫރެވެ. ޖޫން މަހު ޝޫޓިން ފަށާ ފިލްމުން ޖާންވީ ފެނިގެން ދާނީ ޑަބަލް ރޯލަކުންނެވެ.

ރާޖް ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނީ އަންނަ މަހުގެ 24 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "މޭޑް އިން ޗައިނާ" އަދި "ތުއްރަމް ހާން" ހިމެނެ އެވެ.