އެފްއޭ ރައީސް އިސްތިއުފާދިނުން: ޖަރުމަނަށް ފައިދާވާނެ
އެފްއޭ ރައީސް އިސްތިއުފާދިނުން: ޖަރުމަނަށް ފައިދާވާނެ

މިއުނިކް (އޭޕްރީލް 8) - މިދިޔަ ހަފްތާގައި ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ރެއިންހާޑް ގްރިންޑަލް އިސްތިއުފާ ދެއްވަން ނިންމި ނިންމެވުމަކީ އެ ގައުމުގެ ފުޓްބޯޅަ އަލުން ހަމަ މަގަށް އެޅުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށް ޖަރުމަނު ފުޓްބޯޅައިގެ ތަޖުރިބާކާރު އެނަލިސްޓް އަދި ނޫސްވެރިޔާ ރަފައެލް ހޮއިންސްޓެއިން ބުނެފި އެވެ.

އެފްއޭ ރައީސް އިސްތިއުފާދިނުން: ޖަރުމަނަށް ފައިދާވާނެ
އެފްއޭ ރައީސް އިސްތިއުފާދިނުން: ޖަރުމަނަށް ފައިދާވާނެ

ގްރިންޑެލް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާއާ ގުޅޭ ކޮރަޕްޝަންގެ ގިނަ ވާހަކަތަކެއް މީޑިއާގައި ފެތުރިފައިވަނިކޮށެވެ. ގްރިންޑެލް އަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ޔޫކްރޭނުގެ ވިޔަފާރިވެރިޔާ އަދި ޔުއެފާގެ ނައިބު ރައީސް ގްރިގޯރީ ސާކިސް ހަދިޔާއެއްގެ ގޮތުގައި ދިން 6000 ޔޫރޯގެ އަގުހުރި އަތުކުރި ގަޑިއެއް ގަބޫލުކުރެއްވުމުންނެވެ. އޭގެ އިތުރުން ވެސް ގްރިންޑަލް ނުހައްގު މުއްސަނދިކަން ހޯދީ އޭނާގެ މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަމަށް ޖަރުމަނު ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ

މަގާމުން އިސްތިއުފާ ދިންއިރު ގްރިންޑަލް ވަނީ އޭނާ އަށް ކުރެވުނު ކަންތައްތަކަށް ޖަރުމަނު ފުޓްބޯޅައިގެ ގިނަ ފަރާތްތަކެއްގެ ކިބައިން މައާފަށް އެދިފަ އެވެ.

"މަގާމުގައި ހުރެ އަހަންނަށް ކުރެވުނީ އެންމެ ރަނގަޅު ކަންތަކެއް ނޫން. އަހަންނަކީ އެންމެ ގިނަ ބަޔަކަށް މިސާލު ދައްކަން ހުރި ފަރާތަކީ. އެކަމަކު މަގާމުގައި ހުރެ ހަދިޔާއެއްގެ ގޮތުގައި އެފަދަ ގޮތަކަށް ލިބުނު ގަޑިއެއް ބަލައިގަތުމަކީ އަހަންނަށް ގޯސްކޮށް ކުރެވުނު ކަމެއް،" ގްރިންޑަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގްރިގޯރީ ދެއްވި ހަދިޔާ ބަލައިގަންނަން ނިންމީ އެއީ ކިހާ އަގުބޮޑު އެއްޗެއްކަން ނޭނގި ހުރެ ކަމަށާއި އެކަން ކުރީ އެހާ މަތީ ފަރާތަކުން ދިން ހަދިޔާއަކަށް ފުރަގަސްނުދިނުމުގެ ވިސްނުމުގައި ކަމަށެވެ. އަދި އޭނާ ޖަރުމަނު ފުޓްބޯޅަ އިދާރާ ހިންގީ އަމިއްލަ މަންފާ އަށް ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ގްރިންޑަލް ޖަރުމަނު އެފްއޭއާ ހަވާލުވީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. ޖަރުމަނު ފުޓްބޯޅައިގެ ވޭތުވެދިޔަ 114 އަހަރު އެންމެ ކުރު މުއްދަތަކަށް ރައީސްގެ މަގާމު ފުރުއްވީ ގްރިންޑަލް އެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ގްރިންޑަލްގެ ދައުރަކީ ޖަރުމަނު ފުޓްބޯޅަ އެންމެ ބޮޑަށް ފަހަތަށް ދިޔަ ދުވަސްވަރެވެ. އަދި ގިނަ ބައެއްގެ ނަޒަރުގައި ޖަރުމަނު ފުޓްބޯޅަ އަށް އޮތް އިހުތިރާމް ވެސް ވަނީ ގެއްލިފަ އެވެ.

"ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. ޔޫރަޕުން އަލަށް ތައާރަފްކުރި ނޭޝަން ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ. އަހަރެމެންގެ ޓީމެއް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައެއް ނެތް. މި ހުރިހާ ކަމެއްގެ އަސްލު ފެށިގެން އައީ ރަނގަޅު ލީޑަރެއް ގައުމުގެ ފުޓްބޯޅަ ހިންގަން ނެތުން. ހަގީގަތަކީ ގްރިންޑަލްގެ އިސްތިއުފާ އިން އަލުން ޖަރުމަނު ފުޓްބޯޅަ ކޮޅަށް ޖަހަން ފުރުސަތު ލިބިއްޖެ،" ހޮއިންސްޓެއިން ބުންޏެވެ.

ގްރިންޑަލް އަށް ފާޑުުކިއުން އަމާޒުވީ އަނެއް ނިންމުމަކީ މިިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ އަށް އިތުރު އެއްބަސްވުމެއްދޭން ނިންމި ނިންމުމުގެ ސަބަބުންނެވެ. ލޯއާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން މެސުޓް އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ދާދި ފަހުން ލޯ ވަނީ ކުއްލި ގޮތަކަށް ޓީމުގައި ތިބި ސީނިއާ ތިން ކުޅުންތެރިން ކަމަށްވާ ޖެރޯމް ބޯޓެން އާއި މެޓް ހަމެލްސް އަދި ތޯމަސް މުލާ ދެން ގައުމީ ޓީމަށް ނުނަގާނެ ކަމަށް ބުނެފަ އެވެ.

ޖަރުމަނުގެ ކުރީގެ ތަރިން ވަނީ އެ ތިން ކުޅުންތެރިން ގައުމީ ޓީމުން ވަކިކުރި ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެފަ އެވެ. އަދި އެ ފަދަ ކަންކަމަކީ ޖަރުމަނު ފުޓްބޯޅަ ހިންގަން ތިބި ފަރާތްތަކުގެ ނާގާބިލުކަމުގެ ސަބަބުން ދިމާވާ މައްސަލަތެއް ކަމަށް ގިނަ ކުޅުންތެރިން ވަނީ ބުނެފަ އެވެ.

"ފުޓްބޯޅައިގައި މައްސަލައެއް މެދުވެރިނުވާ ގޮތަށް ހިންގަން ޖެހުމުގެ ޒިންމާއާ ހަވާލުވެފައި އޮންނަނީ ފެޑެރޭޝަން. ގިނަ ބައެެއްގެ މަސްލަހަތު ހިމެނޭ ކަންތައްތައް އިންސާފުން ބޭރުން ދާނަމަ ފާޑުކިއުން އަމާޒުވާނެ. ޖަރުމަނުގެ ފެޑެރޭޝަން އޮތީ ގިނަ ކަންތައްތަކަށް ނުކުޅެދިފައި،" ޖަރުމަނު ގައުމީ ޓީމަށް ކުރިން ކުޅުނު ލޯތާ މެތިއަސް ބުންޏެވެ.

ގްރިންޑަލްގެ ދައުރުގައި އޭނާ ނިންމެވި ގިނަ ކަންތައްތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ޗައިނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ޖަރުމަނުގެ ހަތަރު ވަނަ ޑިވިޝަނުގެ ޓީމުތަކާ ދެކޮޅަށް ކުޅެވޭ ގޮތަށް އެ ކްލަބްތަކާ މަޝްވަރާކުރުމެއްނެތި ހުއްދަ ދޭން ނިންމި ނިންމުން ހިމެނެ އެވެ. އަދި ޖަރުމަނު ފުޓްބޯޅަ ލީގުތަކުގެ ޓީވީ ރައިޓްސް ވިއްކުމުގައި ގްރިންޑަލްގެ ނުފޫޒު އޮތްކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.