07 އެޕްރީލް 2019 - 16:33

ސައޮ ޕޯލޯ (އެޕްރީލް 7) - ބްރެޒިލްގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޕަރާގައި ފެރީ ބޯޓަކުން ޖެހި ބްރިޖެއްގެ ބޮޑު ބައެއް ވެއްޓިއްޖެ އެވެ.
މަންޒަރުދުށް މީހުން ބުނި ގޮތުގައި މޮޖޫ ކޯރު ހުރަސް ކުރަން ހަދާފައިވާ ބްރިޖުގެ ތަނބެއްގައި ފެރީން ޖެހުމާ އެކު ބްރިޖުން 200 މީޓަރު (657 ފޫޓު) ގެ ތަންގަނޑެއް ވަނީ ވެއްޓިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ނޭނގެ އެވެ. ކޯރަށް މީހަކު ވެއްޓިފައިވޭތޯ ބެލުމަށް ސްކޫބާ ޑައިވަރުން ވަނީ ފީނަން ފަށައިފަ އެވެ. ފެރީގައި ތިބި ފަސް ފަޅުވެރިން ވަނީ ސަލާމަތްވެފަ އެވެ.
ފެރީ އެކްސިޑެންޓަށް ފަހު ޕަރާގެ ގަވަރުނަރު ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.
ބްރެޒިލްގެ އެމެޒޮން ސަރަހައްދުގައި ހަދާފައިވާ 860 މީޓަރުގެ ދިގު ބްރިޖް ގުޅާލާފައި ވަނީ އެ ގައުމުގެ އެންމެ ކާރޫބާރޫ ބޮޑު ބަނދަރުތަކާ އެވެ. ބްރިޖް މަރާމާތު ކުރެވެންދެން ކޯރު ހުރަސް ކުރަން މިހާރު ވަނީ ބާޖް އަދި ގިނަ އަދަދެއްގެ ފެރީ ދަތުރުތައް ކުރަން ފަށައިފަ އެވެ.
ބްރެޒިލްގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި މި އަހަރު ކުރީކޮޅު ބްރިޖް އިންސްޕެކްޓް ކުރި އިރު ތަނބުތަކުގައި ވަނީ ދަބަރު ޖަހައިފަ އެވެ. ފުލުހުން މިހާރު ގެންދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.