31 އޯގަސްޓް 2016 - 12:43

ދ. މާއެނބޫދޫ މީހަކު އިއްޔެ ވަނީ މާވަހަރެއް ކަމަށް ބެލެވޭ ފަންސާހަކަށް ކިލޯގެ އެއްޗެއް ހޮވައިފަ އެވެ. ގޮނޑުދޮށުން ހޮވި އޭތި ގެއަށް ގެނެސް، ރައްކާކުރި ނަމަވެސް އޭނާ އަދި މާ ބޮޑު އުފަލެއް ނެތެވެ. މާ ބޮޑެތި އުއްމީދުތަކެއް ވެސް ނެތެވެ. އެއީ މާވަހަރެއް ކަން ޚުދު އޭނާ އަށް ވެސް ޔަގީނެއް ނޫނެވެ.
"ބަލާލަން ވަރަށް ރީތި. އެކަމަކު މިއީ މާވަހަރެއްހެން މާބޮޑަކަށް ހިޔެއް ނުވޭ،" އޭތި ހޮވި އުމުރުން 55 އަހަރުގެ މުހައްމަދު އަބްދުލް ގައްޔޫމު ބުންޏެވެ.
ހުދަންބަރެއް ކަމަށް ހީވެފައިވާ އެ އެތި މުހައްމަދަށް ފެނުނީ މޫސުން ގޯސްވެފައިވާތީ މި ދުވަސްވަރު ގޮނޑުދޮށަށް އެއްޗެއް ލައްވޭތޯ ރަށް ވަށާ ހިނގާލަން ނުކުމެ އުޅެނިކޮށެވެ. ކުރިން ވެސް ހުދަންބަރެއް ފެނިފައި ވާތީ އެ އެތި މާވަހަރަކަށް ވެދާނެ ކަމަށް ބަލާފައި ގެއަށް ގެނައީ އެވެ.
މުހައްމަދު ބުނީ ރަށުގެ ގިނަ ބަޔަކު އެ އެތި ބަލާފައިވާ ކަމަށާއި އެއީ ހުދަންބަރެއް ކަމަށް ހީވާކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އެކަމަކު ގިނަ މީހުން ބުނަނީ ވަކި އެއްޗެއް ބުނަން އެނގޭނީ ތެތްކޮށް އޮތް އެ އެތި ހިކުމުން ކަމަށެވެ.
"އެހެންވެ އޮންނާނެ ހިކެންދެން އެއްލާ ނުލައި ބާއްވާފައި،" އެއްވެސް ވަހެއް ނުދުވާ އެއްޗާ ގުޅޭގޮތުން މުހައްމަދު ބުންޏެވެ.
އޭނާއަށް ވަނީ މީގެ ދެ އަހަރެއްވަރު ކުރިން އއ. އުކުޅަހު ދޯންޏަކުން ހޮވި 20 ކިލޯގެ "ހުދަންބަރު" އެ ދޯނީގައި އޮއްވާ ފެނިފަ އެވެ. އެ މާވަހަރާއި އިއްޔެ ފެނުނު ހުދަންބަރާ މާބޮޑު ތަފާތެއް ނެތެވެ. ގޮނޑުދޮށުން މުހައްމަދު އެ އެތީ ނެގީ ވެސް އުކުޅަހު ދޯނީގައި އޮތް މާވަހަރާ ވައްތަރު ވެގެންނެވެ.
"އާއްމުކޮށް ކަނޑުން ލައްގާ ތަކެތި ހުންނާނީ ފެއްސާއި ރިނދަލި ކަހަލަ އެއްޗެހި ޖަހާފައި. އެކަމަކު އަޅުގަނޑު ހޮވި އެތި އޮތީ ވަރަށް ސާފުކޮށް،" ކުރިން މަހަށް ދިޔަ މުހައްމަދު ބުންޏެވެ.
އެކަމަކު އުކުޅަހު ދޯނިން ހޮވި މާވަހަރު އަދިވެސް ނުވިކެ އެވެ.
"އަދި މި މާވަހަރު ބަލާކަށް ރަށުން ބޭރުން މީހަކު ނާދޭ. ދެން ބަލަމާ ވާގޮތެއް،" ކުޑަ އެންމެ ފިރިހެން ކުއްޖެއް ހުންނަ މުހައްމަދު ބުންޏެވެ.
މިއީ މާވަހަރަކަށް ވެއްޖެ ނަމަ އޭގެ އަގު ވިއްސަކަަށް މިލިޔަން ރުފިޔާ އަށް އަރާނެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން މާވަހަރު ކަމަށް ބެލެވޭ އެއްޗެހި ގިނައިން ފެނުނު ނަމަވެސް ގިނަ އެއްޗެހި މާވަހަރެއް ކަމަށް ޔަގީނެއް ނުކުރެ ވެ އެވެ. އެންމެ ފަހުން ރާއްޖޭގައި މާވަހަރެއް ވިކުނީ މިދިޔަ އަހަރު ށ. ކޮމަންޑޫ މީހަކު ހޮވި 30 ކިލޯގެ މާވަހަރެވެ. އެ މާވަހަރު ވިއްކާލައިގެން 17 މިލިޔަން ރުފިޔާ ހޯދާފައި ވެ އެވެ.