31 އޯގަސްޓް 2016 - 11:10

ލަންޑަން (އޮގަސްޓް 31) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ކުޅުންތެރިން ގަތުމަށް އެއް ބިލިއަން ޕައުންޑަށް ވުރެން ގިނައިން ހަރަދުކުރިއިރު، މިއީ މިހާތަނަށް އެއް ޓްރާންސްފާ މާކެޓްގައި އެންމެ ގިނައިން ހަރަދުކުރި ފަހަރަށް ވެއްޖެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން ކުޅުންތެރިންނަށް ބޮޑު ހޭދައެއް ކޮށްފައިވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވާނެތީ އެވެ.
ފާއިތުވި އަހަރުތަކުގައި ޕްރިމިއާ ލީގުގެ ކްލަބްތަކުން ކުޅުންތެރިންނަށް ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު 2013 ވަަނަ އަހަރު ވަނީ 630 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. އެއަށް ފަހު ދެން އައީ އިތުރުވަމުންނެވެ. އެގޮތުން 2014 ވަނަ އަހަރު 835 މިލިއަން ޕައުންޑް ހަރަދުކުރިއިރު، މިދިޔަ އަހަރު ވަނީ 901 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑު އަގަކަށް ކްލަބް ބަދަލުކުރީ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ޕައުލް ޕޮގްބާ އެވެ. ޔުވެންޓަސް އިން ޕޮގްބާ ޔުނައިޓެޑާ ގުޅުނީ 89 މިިލިއަން ޕައުންޑަށެވެ. މިއީ ދުނިޔޭގެ ޓްރާންސްފާ ރެކޯޑެވެ.
ޔުނައިޓެޑްގެ ވާދަވެރި ސިޓީން ވަނީ އެވަޓަންގެ ޖޯން ސްޓޯންސް 47.5 މިލިއަން ޕައުންޑަށް ގަނެފަ އެވެ.
މީގެ އިތުރުން ޕްރިމިއާ ލީގުގެ 11 ކްލަބަކުން ވަނީ ރެކޯޑް އަގެއްގައި ކުޅުންތެރިން ގަނެފަ އެވެ. އެގޮތުން ކްރިސްޓަލް ޕެލަސް އާއި ސައުތެމްޓަނުން ވަނީ އެއް ކުޅުންތެރިއަކަށް 30 މިލިއަން ޕައުންޑަށް ވުރެން ގިނައިން ފުރަތަމަ ފަހަރަށް ހަރަދުކޮށްފަ އެވެ.