09 އެޕްރީލް 2019 - 07:17

ސަލްމާން ހާނާ ގާތް ގުޅުމެއް އޮންނަ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރު ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ތައާތަފުކުރަން މިދިޔަ އަހަރު އިއުލާންކުރި ފިލްމު "ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" އިން އޫލިއާ ދެން ނުފެންނާނެ ކަމަށާއި އެ ފިލްމުގެ ބަތަލާގެ ރޯލް ސޮނާކްޝީ ސިންހާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަންނަ މަހު ރިލީޒްކުރާނެ ކަމަށް ބުނެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޫލިއާ ހިމަނައިގެން ފިލްމު ޕޯސްޓަރު ވެސް ދައްކާލައިފައި ވަނިކޮށް، އޭނާގެ ބަދަލުގައި ސޮނާކްޝީ އަށް ފިލްމު ހުށަހެޅީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ކުރިން ރޭވި ގޮތަށް "ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" ކުރިއަށް ނުދިޔަ އެއް ސަބަބަކީ ފިލްމުގެ ކާސްޓިން ޑައިރެކްޓަރު ވިކީ ސަދާނާގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަތަކެއް ތުހުމަތު ކުރެވުމާއި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ޕްރޭރްނާ އަރޯރާގެ މައްޗަށް މަކަރާއި ހީލަތުގެ މައްސަލަތަކެއް ފެންމަތިވުމުން ކަމަށެވެ.
ނަމަވެސް އޫލިއާ ފިލްމުގައި ހިއްސާ ނުވާން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ސޮނާކްޝީ އަށް ފިލްމުގެ ނެރޭޓްކޮށް ދިނުމުން އޭނާ އަށް ވާހަކަ ކަމުދިއުމުން ފިލްމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ. އަދި "ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން މިހާރު ފްލޭންކޮށްފައިވާ ކަމަށް ބުންޏެވެ. މީގެ ބޮޑު ބައެއް ޔޫޕަރްގެ ބައެއް ގައުމުތަކުގައި ނަގާނެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ކާސްޓަށް ގެނައި ބަދަލާ އެކު ޕްރޭމް ސޯނީ ޑައިރެކްޓް ކުރާ ފިލްމުގެ ނަން ވެސް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން "ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" ގެ ބަދަލުގައި ފިލްމުގެ މަސައްކަތް ކުރިއަށް ގެންދާނީ "މޯ މޯ ކެ ދާގޭ" ގެ ނަމުގަ އެވެ.
ކުރިން މި ފިލްމަށް އޫލިއާއާ އެކު ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި ޖިމީ ޝެރްގިލް އާއި ދާދި ފަހުން ކޮންގްރެސް ޕާޓީއާ ގުޅުނު ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އާއި އޭނާއާ އެކު "ބިގް ބޮސް 15" ގައި ވާދަކޮށްގެން ބޮޑު މަޝްހޫރު ކަމެއް ހޯދި މަންވީރު ސިންގް ހިމެނެ އެވެ.
މި މަހުގެ 17 ގައި ރިލީޒް ކުރާ "ކަލަންކް" ގެ ކާސްޓްގައި ހިމެނޭ ސޮނާކްޝީ މިހާރު އަންނަނީ ސަލްމާނާ އެކު "ދަބަންގް 3" ގެ މަސައްކަތް ކުރަމުންނެވެ.
"ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" ގެ ޑައިރެކްޓަރު ޕްރޭމް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2013 ގައި ޕްރިތީ ޒިންތާ ބަތަލާގެ ރޯލް ކުޅުނު "އިޝްގް އިން ޕެރިސް" އެވެ.