މަނީޝް ޝަރުމާގެ އާ ފިލްމަށް ރަންވީރާއި މަނޫޝީ؟
މަނީޝް ޝަރުމާގެ އާ ފިލްމަށް ރަންވީރާއި މަނޫޝީ؟

ރިޕޯޓްތައް ބުނާ ގޮތުން 2017 ގެ ރީތީގެ ރާނީ މަނޫޝީ ޗިލާރު ބޮލީވުޑަށް ތައާރަފު ކުރާނީ ފަރާ ހާން ޑައިރެކްޓް ކުރާ ފިލްމަކުންނެވެ. ފަރާ ދާދި ފަހުން ވަނީ ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ފިލްމެއް ޑައިރެކްޓްކޮށް ދޭން ސޮއި ވެސް ކޮށްފަ އެވެ. އެކަމަކު އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް ފަރާގެ އެ ފިލްމަކީ މަނޫޝީގެ ފުރަތަމަ ފިލްމަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މަނޫޝީ މިހާރު ވަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެ ފިލްމަކީ މަނީޝް ޝަރުމާ ޑައިރެކްޓްކޮށް، ރަންވީރު ސިންގް ބަތަލުގެ ރޯލް ކުޅޭ ފިލްމެއް ކަމަށްވެ އެވެ.

ނަމަވެސް ފިލްމާ ބެހޭ ރަސްމީ އެއްވެސް ވާހަކައެއް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.

މަނޫޝީ މީގެ ކުރިން ވަނީ ރަންވީރާ އެކު ޓީވީ އިޝްތިހާރެއް ވެސް ކުޅެފަ އެވެ. މަނީޝް އެންމެ ފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2016 ގައި ޝާހްރުކް ހާން ކުޅުނު ފްލޮޕް ފިލްމު "ފޭން" އެވެ.

މަނީޝްގެ އާ ފިލްމަށް ރަންވީރު ސޮއިކޮށްފައިވާ ކަމަށް ބުނެފައިވާ އިރު، އޭނާ ބޮލީވުޑަށް ނެރުނީ ވެސް މަނީޝްގެ ފިލްމަކުންނެވެ. އެއީ 2010 ގެ "ބޭންޑް ބާޖާ ބާރާތު" އިންނެވެ. އޭގެ ފަހުން 2011 ގައި މަނީޝްގެ ގެނެސް ދިން "ލޭޑީޒް ވާސަސް ރިކީ ބާލް" ގެ ބަތަލަކީ ވެސް ރަންވީރެވެ.

އޭނާ މި ވަގުތު އަންނަނީ ކަބީރު ހާން ޑައިރެކްޓް ކުރާ ކްރިކެޓް ފިލްމު "83" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ. ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލުން ރަންވީރު ފެނިގެންދާ ފިލްމުގެ ޝޫޓިން އަންނަ މަހު އިނގިރޭސިވިލާތުގައި ފަށަން ވަނީ ނިންމައިފަ އެވެ.

އަދި މި ފިލްމާ އެކުއެކީގައިގެން ރަންވީރު، ކަރަން ޖޯހަރުގެ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ގެ މަސައްކަތް ވެސް ކުރާނެ އެވެ.

އެ ދެ ފިލްމަކީ ވެސް އަންނަ އަހަރަށް ތާވަލުކޮށްފައިވާ ދެ ފިލްމެވެ.