07 އެޕްރީލް 2019 - 10:51

ލަންޑަން (އޭޕްރީލް 7) - އެފްއޭ ކަޕް ސެމީ ފައިނަލުގައި ރޭ ބްރައިޓަން އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ސީޒަނުގެ ދެ ވަނަަ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މި ފަހަރުގެ ސީޒަނުގެ ހަތަރު ތަށްޓައް އަމާޒުހިފާފައި އޮތް ސިޓީން ވަނީ ފެބްރުއަރީ މަހު ޗެލްސީ ބަލިކޮށް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެފްއޭ ކަޕް ފައިނަލުން ފުރުސަތު ހޯދިއިރު، އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެ ޓީމު ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.
ފާއިތުވި ދުވަސްތަކުގައި އިނގިރޭސި މީޑިއާގައި ސިޓީން ހަތަރު ތަށި ހޯދާނެ ކަމަށް ދެކެވޭ ވާހަކަތައް ގިނަވެފައިވާއިރު، ކުރިއެކޭ އެއްގޮތަށް ރޭގެ މެޗަށް ފަހު ވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހަތަރު ތަށި ހޯދޭ ފެންވަރުގެ ވާހަކަ ދެއްކުމަކީ އަދި ސިޓީގެ ތާރީހާއި އެހެން ކަންކަމަށް ބަލާއިރު އެ ޓީމުގެ ފެންވަރު ނޫން ކަމަށެވެ.
"އެކަން ކުރެވިއްޖިއްޔާ އެއީ އާދަޔާހިލާފު ކަމެއް. އެކަމަކު އެކަން ނުކުރެވޭނެ ކަމަށް އަހަރެން ބުނަން ޖެހެނީ މީގެ ކުރިން އިނގިރޭސި އެއްވެސް ޓީމަކަށް ހަތަރު ތަށި ހޯދިފައި ނެތީމާ. ތިން ތަށި ހޯދުމަކީ ވެސް ފަސޭހަކަމެއް ނޫން. އެކަން ކުރީ ވެސް ވަރަށް ގިނަ ތަޖުރިބާގެ އަލީގައި މެންޗެސްޓާ ޔުނައިޓެޑުން،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އަނިޔާއިން ރަނގަޅުވެ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ކުޅޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ނުކުޅެ އެވެ. އޭނާގެ ބަދަލުގައި ސިޓީގެ އެޓޭކް ލީޑުކުރީ ބްރެޒިލްގެ ގަބްރިއެލް ޖީސޫސް އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ސިޓީ މޮޅުކޮށްދިން ލަނޑު ޖެހީ ވެސް ޖީސޫސް އެވެ. ކެވިން ޑިބްރޭނާ ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން ޖީސޫސް މި ލަނޑު ޖެހީ ބޮލުންނެވެ.
ދެ ވަނަ ހާފްގައި ނަތީޖާ ހަމަހަމަކުރަން ބްރައިޓަން އިން އެންމެ ރަނގަޅު ހަަމަލާއެއް ފޮނުވާލީ ތަޖުރިބާކާރު ފޯވާޑް ގްލެން މަރޭ އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ގޯލު ކުރިމަތިން ސަލާމަތްކުރީ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. ބްރައިޓަންގެ އެޓޭކް ހުއްޓުވުމުގައި ލަޕޯޓް މި މެޗުގައި ދެއްކި ކުޅުމުގެ ސަބަބުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.
ބްރައިޓަންގެ ކޯޗު ކްރިސް ހިއުޓަން ބުނީ ސިޓީން މެޗުގެ އެހާ ކުރީކޮޅުގައި ލީޑުނެގުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް އަލުން މެޗުގެ ތެރެއަށް އަންނަން އޭނާގެ ޓީމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރި ކަމަށާއި އެންމެ މުހިއްމު ވަގުތުގައި ނަސީބުގެ އެހީވެސް އެ ޓީމަށް ނުލިބުނީ ކަމަށެވެ. އަދި ސިޓީ ކަހަލަ ޓީމެއް އެހާ ކުރިން ލަނޑެއް ޖެހުމުން ފަހަތުން އަރައި މޮޅުވެވޭނީ ތަފާތު ކުޅުންތެރިންތަކެއް ލައިގެން ކަމަށާއި ބްރައިޓަންގެ އެ ފެންވަރު ނެތް ކަމަށް ބުންޏެވެ.
މިއީ 2013 ވަނަ އަހަރުގެ ފަހުން ސިޓީން އެފްއޭ ކަޕް ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ފަހަރު ސިޓީ ބަލިވީ ވިގަން އެތުލެޓިކް އަތުންނެވެ. އަންނަ މަހު 18 ވަނަ ދުވަހު ކުޅޭ މި ފަހަރުގެ ފައިނަލުގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ ވަޓްފޯޑާއި ވުލްވްސް ކުޅޭ ދެ ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.