07 އެޕްރީލް 2019 - 11:03

މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް (އިރޫ) އާއި ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) 2017 ވަނަ އަހަރު ކުރެއްވި ކައިވެނި ވަރަށް ހާއްސަ އެވެ. ކެބިނެޓުގެ ވަޒީރަކާއި މަޖިލީހުގެ މެމްބަރަކާ މީގެ ކުރިން ކައިވެނި ބައްލަވައިގެންފައި ނުވާތީ އެ ބޭފުޅުންވެ ވަޑައިގެންނެވީ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ ޖޯޑަކަށެވެ.

އިރޫ އާއި ޝާޑު، އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވެސް ވާދަކުރެއްވި އެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރެއްވި އިރޫއަށް ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންނެވި އިރު ޝާޑަށް ވެސް އޭނާގެ ދާއިރާ ދިފާއު ކުރެއްވޭ ގޮތެއް ނުވި އެވެ.

މިހާރު މި އޮތީ އެމްޑީޕީގެ "ޕަވާ ކަޕަލް" ސިޔާސީ ދާއިރާއިން އުފަންވެފަ އެވެ.

ދެން ފެންނާނީ ގާނޫނީ ވަކީލް ހިސާން ހުސެން އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ދެމަފިރިކަނބަލުން، ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލްކުރައްވާ ތަނެވެ. ބޮޑު މެޖޯރިޓީއަކާ އެކު މި ބޭފުޅުން އިންތިޚާބު ކާމިޔާބު ކުރެއްވި އިރު، މިއީ އަދި ދެ ދެމަފިރިއަކު މަޖިލީހުގެ ގޮނޑި ހޯއްދެވި ފުރަތަމަ ފަހަރެވެ.
ރޮޒައިނާގެ ދެމަފިރިކަނބަލުންނަށް މަޖިލިސް އަލެއް ނޫނެވެ. މީގެ ދިހަ އަހަރު ކުރިން، 2009 ވަނަ އަހަރު ރޮޒައިނާ މަޖިލީހަށް ވަދެވަޑައިގެންނެވީ ތުލުސްދޫ ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ. މިހާރުގެ ދައުރާއި ކުރިއަށް އޮތް ދައުރު އޭނާ ކާމިޔާބުކުރެއްވީ މީދޫ ދާއިރާ އެވެ.
ފިރިކަލުން އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އެއްބަނޑު ކޮއްކޮ ނާޝިޒް ވަނީ 2009 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކޮށް، އަލިފުށީ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ޑީއާރުޕީ ރޫޅުމުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ މި ފަހަރުގެ އިންތިހާބުގައި ކިނބިދޫ ދާއިރާގެ ގޮނޑިނެންގެވީ 60 ޕަސެންޓުގެ ބޮޑު ތަފާތަކުންނެވެ.
މަޖިލީހަށް ވެންނެވުމުގެ ކުރިން ވެސް ހިސާން ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ ބައެއްގެ ލޯބި ހޯއްދަވައިފަ އެވެ. އެހެންވެ، އޭނާ ނިސްބަތްވެވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ ގޮނޑި ނެންގެވުމަކީ އުނދަގޫ ކަމެއް ނޫންކަން މިފަހަރު ހިސާން ސާބިތުކޮށްދެއްވީ 63 ޕަސެންޓްގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ވާހަކަ ދެއްކުމުގެ ބަލާގާތްތެރިކަމާއި ދޫފަރިތަކަމަށް މަޝްހޫރު ހިސާން އަށް ލިބިވަޑައިގެންނެވި އަނެއް ކާމިޔާބީ އަކީ ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައި، ފިރިކަލުން އިބްރާހިމް ނާޒިލް ގޮނޑި ނެންގެވުމެވެ. އެ ވެސް 68 ޕަސެންޓްގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފެށުނީއްސުރެ އެމްޑީޕީއާ އެކު މަސައްކަތް ކުރެއްވި ނަމަވެސް، ސިޔާސީ ހަރަކާތްތަކުގައި ނާޒިލް އިސްކޮށް އުޅުއްވަން ފެއްޓެވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރު 2012 ގައި ވެއްޓުނު ހިސާބުންނެވެ. އެހާ ހިސާބުން އޭނާއަކީ އައްޑޫގައި ނަން ހިނގާ އެމްޑީޕީގެ މެމްބަރެކެވެ.