07 އެޕްރީލް 2019 - 00:46

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން، މިހާރު ވެސް މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު އަނާރާ ނައީމަށް ނާކާމިޔާބު ވެއްޖެ އެވެ.
މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވާ ހަމައެކަނި މެމްބަރު އަނާރާގެ މައްޗަށް ކުރި ހޯއްދެވީ، އެމްޑީޕީން އެ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓު މުހައްމަދު ރާއީ އެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި އެ ދާއިރާއިން އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވީ ވެސް އަނާރާ އަށެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ސަރުކާރުގައި އެ ޕާޓީ ތަމްސީލު ކުރާ އެހެން މިނިސްޓަރުން ވެސް އެ ދާއިރާގެ ރަށްރަށަށް ވަޑައިގެން އަނާރާ އަށް ކެމްޕޭން ކޮށްދެއްވި އެވެ.
މި އިންތިހާބުގައި އަދާލަތުން ނުވަ ދާއިރާއަކަށް ވާދަކުރި ނަމަވެސް، މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އެ ޕާޓީ އަށް ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ.
އެ ގޮތުން އެ ޕާޓީން ވާދަކުރި ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ގައްދޫ ދާއިރާ، ކާށިދޫ ދާއިރާގެ އިތުރުން މުލަކު ދާއިރާއިން ކުރި ހޯދީ އެމްޑީޕީ އެވެ. އަދި އެމްޑީޕީން ތާއީދު ކުރި، މަހިބަދޫ ދާއިރާ އާއި ނިލަންދޫ ދާއިރާގެ އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބުގައި ކުރިއެއް ނުހޯދުނެވެ.