06 އެޕްރީލް 2019 - 18:13

ޗެޕް ރިޕަބްލިކުގެ ޕްރާގް ހާފް މެރެތަންގައި މިއަދު ޝިފާޒް މުހައްމަދު ގައުމީ ހާފް މެރެތަން ރެކޯޑް މުގުރާލައި އެ އިވެންޓުން ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑެއްޔެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރިއަށް ފިޔަވަޅެއް އަޅައިފި އެވެ.
މިދިޔަ އަހަރުގެ މޭ މަހު ނޭޕާލުގެ ކަންޓިޕޫރް ހާފް މެރެތަންގައި 1 ގަޑި 14:01 މިނެޓުން ދުވެގެން ހެދި ރެކޯޑް މިއަދު ޝިފާޒް މުގުރާލީ 1 ގަޑި 13:04 މިނެޓުން ދުވެގެންނެވެ. އަދި މި ޓައިމިންގެ ތެރެއިން އޭނާ ވަނީ ރާއްޖޭގެ 15 ކިލޯމީޓަރު ދުވުމާއި 20 ކިލޯމީޓަރު ދުވުމުގެ ރެކޯޑް ވެސް އާކޮށްފަ އެވެ.
މިއީ ޝިފާޒުގެ ކެރިއަރުގައި ހާފް މެރެތަން ރެކޯޑް މުގުރާލި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރެކޯޑް ހެދީ މިދިޔަ އަހަރުގެ މާޗު މަހު އޮތް ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 14:23 މިނެޓުން ރޭސް ނިންމައިގެންނެވެ. މިއަދު އޭނާ އާކުރި 15 ކިލޯމީޓަރާއި 20 ކިލޯމީޓަރު ދުވުމުގެ ރެކޯޑަކީ އެ ރޭހުގައި އެންމެ ފުރަތަމަ ހެދި ދެ ރެކޯޑެވެ.
ވިހި ކިލޯމީޓަރާއި 15 ކިލޯމީޓަރު ދުވުމަކީ އެހާ އާއްމު ނޫން އިވެންޓެއް ނަމަވެސް އެއީ ވެސް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން ބަލާ އަދި ރާއްޖޭގައި ވެސް މިހާރު ރަސްމީކޮށް ޓައިމިން ރެކޯޑްކުރެވޭ އިވެންޓެކެވެ. ހާފް މެރެތަން ނުވަތަ ފުލް މެރެތަން ރޭހުގެ ތެރެއިން 15 ކިލޯމީޓަރާއި 20 ކިލޯމީޓަރު ދުވުމުގެ ރެކޯޑް މުގުރުމުގެ ފުރުސަތު އާއްމުކޮށް ނޯންނަނީ ގިނަ މެރެތަންތަކުގައި ރަސްމީކޮށް އެ ޓައިމިން ނަގައިނުދޭތީވެ އެވެ.
މިއަދުގެ ޕްރާގް މެރެތަންގައި ހޯދި ކާމިޔާބީއާ އެކު ޝިފާޒަށް ވަނީ އައިއޯއައިޖީގައި ކާމިޔާބު ހޯދޭނެ ކަމުގެ އުއްމީދުއާވެފަ އެވެ. މި ކުރިއެރުމުގެ ފަހަތުގައި އޮތީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ކެންޔާގައި ހެދި ތަމްރީންތަކެވެ. އޭނާ ނޮވެމްބަރުން ފެށިގެން ފެބްރުއަރީއާ ހަމަޔަށް އެތަނުގައި ތަމްރީން ހެދީ ހެޔޮއެދޭ ފަރާތަކުން ހޯދައިދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ތަމްރީން ހަދަމުން އަންނަނީ އައިއޯއައިޖީ އަށް ތައްޔާރުވުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ހޯދައިދިން ފުރުސަތެއްގަ އެވެ.
އޭނާ މިއަދު މި އިވެންޓުގައި ދުވީ ވެސް އެ ގޭމްސްގެ ކުރިން ފެންވަރު ވަޒަންކުރާށެވެ. އާއްމުކޮށް ބައެއް ކޯޗުން ދުވުންތެރިޔާގެ ފެންވަރު ވަޒަންކުރުމަށް ވާދަވެރި އިވެންޓެއްގައި ބައިވެރިކުރުވަނީ މައި އިވެންޓާ ކައިރިކޮށްފަ އެވެ. އެކަމަކު އައިއޯއައިޖީގެ ތިން މަހެއްހާ ދުވަސް ކުރިން އޭނާ މިއަދު ޕްރާގް މެރެތަންގައި ދުވީ މައި އިވެންޓާ ކައިރިކޮށް ދުވުމުން އަނިޔާގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޝިފާޒަކީ މެރެތަން އަށް ހާއްސަ ދުވުންތެރިޔެކެވެ. އޭނާ ގައުމީ މެރެތަން ރެކޯޑް މިދިޔަ ޖެނުއަރީ މަހު ހަތަރު ވަނަ ފަހަރަށް މުގުރާލައިފަ އެވެ. އެކަމަކު އައިއޯއައިޖީގައި އޮތީ ހާފް މެރެތަން ކަމަށްވާތީ އޭނާ މިހާރު ތަމްރީން ހަދަމުން އަންނަނީ އެ އިވެންޓަށް ހާއްސަވެގެންނެވެ.