އޭއެފްސީ އިންތިހާބު މާޔަން އަށް ނާކާމިޔާބުވެއްޖެ
އޭއެފްސީ އިންތިހާބު މާޔަން އަށް ނާކާމިޔާބުވެއްޖެ

އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ ގޮނޑި އަށް އެފްއޭއެމުން ނޮމިނޭޓްކުރި މަރިޔަމް މުހައްމަދު (މާޔަން) އަށް ނާކާމިޔާބުވެއްޖެ އެވެ.

މެލޭޝިއާގައި މިއަދު ބޭއްވި އޭއެފްސީގެ އިންތިހާބުގައި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުންގެ ސައުތު ޒޯނުގެ ގޮނޑި ކާމިޔާބުކުރެއްވީ ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަން އެވެ. އަދި ޒޯންތަކުން ހޮވުނު މެމްބަރުންގެ ތެރެއިން ފީފާ ކައުންސިލަށް ހޮވުނީ ވެސް މިހާރު ވެސް މި މަގާމް ފުރުއްވަމުން އަންނަ މަހްފޫޒާ އެވެ. އޭނާ އަކީ ބަންގްލަދޭޝް ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް ފާޑުވިދާޅުވެގެން ދާދި ފަހުން ޖަލުގައި ބަންދުކޮށް އަދި މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ އެ ގައުމުގެ ސީނިއާ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރެކެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މާޔަން އަށް ގޮނޑި ކާމިޔާބުނުވުމަކީ މާޔޫސްކަމެއް ކަމަށާއި އެކަމަކު ހާލަތާ ބަލާއިރު އެކަށީގެންވާ ތާއީދެއް ލިބުނު ކަމަށާއި އެއާ އެކު ކުރިއަށް އޮތްތަނާ މެދު އުއްމީދު އެބައޮތް ކަމަށެވެ.

އޭއެފްސީގެ ރައީސްގެ މަގާމް މިހާރު ވެސް އެ މަގާމް ފުރުއްވަމުން އަންނަ ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ އަށް ވަނީ އިންތިހާބުގެ ކުރިން ކަށަވަރުވެފަ އެވެ. އެއީ ވާދަކުރައްވާނެ އިތުރު ކެންޑިޑޭޓެއް ނެތުމުންނެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވި މިހާރު ނައިބު ރައީސް ގަތަރުގެ ސައުދު އަޒީޒް އާއި އެގްޒެކްޓިވް މެމްބަރަކަށް ހުންނެވި ޔޫއޭއީގެ މުހައްމަދު ހަލްފާން އަލް ރުމައިތީ ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ.

މިއީ އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ މެމްބަރަކު ނެތި އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބުވި ފުރަތަމަ ފަހަރެވެ. ނިމުނު ދައުރުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އަދި އޭގެ ކުރީ ދައުރުގައި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވަނީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވައިފަ އެވެ.

އެ ކޮމިޓީ އަށް މި ފަހަރު އެފްއޭއެމުން ނޮމިނޭޓްކުރި މާޔަން ވަނީ އެ އެސޯސިއޭޝަނުގެ ވިމެންސް ފުޓްބޯޅަ ޑިޕާޓްމަންޓުގައި އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަންހެނުންގެ ފުޓްބޯޅަ ރާއްޖޭގައި ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކުޅެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މާޔަން ވަނީ މީގެ ކުރިން އޭއެފްސީ ވިމެންސް ކޮމިޓީގައި ވެސް މަސައްކަތްކޮށްފަ އެވެ. އަދި 2003 ވަނަ އަހަރު ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި އެފްއޭއެމްއާ އެކު މަސައްކަތް ފަށައި، ގިނަ އަހަރުތަކެއް ފަހުން އެފްއޭއެމްއާ ދުރަށް ދިޔަ ނަމަވެސް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެކި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

މާޔަން އެންމެ ފަހުން ފެނުނީ ނިއު ރޭޑިއަންޓްގެ އަންހެން ފުޓްބޯޅައިގެ ހެޑްގެ މަގާމުންނެވެ. އެކަމަކު ރާއްޖޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ރަސްމީ ސިފައެއްގައި ބާއްވާފައިނުވާތީ އެ ޓީމުގައި މާޔަން އަށް މާ ބޮޑު މަސައްކަތެއް އަދި ނުކުރެވެ އެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ އަންނަނީ ފަހަކަށް އައިސް ބައިނަލްއަގްވާމީ ލެވެލްގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ. އެފްއޭއެމުން ގައުމީ އަންހެން ޓީމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަންނަ އަހަރު އަންހެން ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ވަނީ ރާވައިފަ އެވެ. އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ފަހަކަށް އައިސް އަންހެން ފުޓްބޯޅަ ޓީމު އަންނަނީ ވާދަކުރަމުންނެވެ.