06 އެޕްރީލް 2019 - 14:51

ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު އެދިވަޑައިގެންފި އެވެ.
މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާ ގުޅިގެން މިނިސްޓަރު ނެރުއްވި ހިޠާބުގައި ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކޮށް، އެންމެން އިހުތިޔާރުކުރީ ވާދަވެރި ސިޔާސީ ޕާޓީތަކެއް ހިމެނޭ ރިޔާސީ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމަށް އެންމެން ވެސް ބޯލަނބާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތާރީޚުން އިބުރަތް ހާސިލްކޮށް އަޅުގަނޑުމެން އެންމެން މިއަދު އަޒުމް ކަނޑައަޅަން ޖެހޭ ގައުމީ މަސްލަހަތަށް ބުރޫއަރާ ފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމާއި ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލުމަށް ޖާގަ ނުދިނުމަށް،" މާރިޔާ ވިދާޅުވި އެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންނާ ދެކޮޅަށް އަލިރަސްގެފާނު ހަނގުރާމަކޮށް ޝަހީދުވި ދުވަހުގެ ހަނދާން އާ ކުރުމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ހިތާމަވެރި ހާދިސާ އިން އިބުރަތްތެރި ފިލާވަޅުތަކެއް ލިބެ އެވެ. އަމިއްލަ އެދުމުން ފޯވެފައިވާ މީހުން މި ގައުމުގައި އޭރު ވެސް ތިބިކަން ތާރީޚު ބުނެދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތާރީޚުން އެނގޭ ގޮތުގައި އަލިރަސްގެފާނު ޝަހީދުވާން މެދުވެރިވީ ދިވެހީންގެ މެދުގައި ހަގީގަތާ ޚިލާފު ޚަބަރުތައް ފެތުރުމުގެ ސަބަބުންނެވެ.