06 އެޕްރީލް 2019 - 14:01

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރައްޔިތުން ދެއްކީ އާދަޔާ ޚިލާފު ފޯރި އެކެވެ. ހެނދުނު ހެނދުނާ ވޯޓުލާން، ފޮށިތައް ކައިރީގައި ދަންވަރު ކިޔޫ ދަމާލި އެވެ. މާލެ އާއި ރަށްތަކާއި ބޭރު ގައުމުތަކުގައި ބެހެއްޓި ފޮށިތަކަށް ވޯޓުލާން އެތައް އިރަކު ކިޔޫގައި ވެސް ތިބެން ޖެހުނެވެ. ބައެއް މީހުންނަށް ވޯޓުލެވުނީ ކިޔޫގައި ތިބޭތާ ގާތްގަނޑަކަށް އަށް ގަޑި އިރުންނެވެ.

ރިޔާސީ އިންތިޚާބުގައި، ބޮޑު ތަކުލީފެއް އުފުލައިގެން ވެސް ގިނަ ބަޔަކު ބޭނުންވީ ވޯޓުގެ ހައްގު އަދާކުރުމަށެވެ. ގައުމުގެ ވެރިއަކު ކަނޑައެޅުމުގައި އެ މީހުންގެ އަޑު އިއްވުމަށެވެ. އެ އިންތިޚާބުގައި، ވޯޓުލުމުގެ ހައްގު ލިބިގެންވާ 262،135 މީހުންގެ 89 ޕަސެންޓް މީހުން ނުކުމެ ވޯޓު ދިނެވެ.

އެކަމަކު، އޭގެ ހަ މަސް ފަހުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެންނަ މަންޒަރު ތަފާތެވެ. ފޮށިތައް ކައިރީގައި ދިގު ކިޔޫއެއް ނެތެވެ. ފޯރި އާއި ވޯޓުލުމުގެ ޝައުގެއް ވެސް ނެތެވެ.
ހެނދުނު 8:00 ގައި ފެށި އިރު ވެސް ވޯޓުލުމުގެ ފޯރީގައި ތިބި ބަޔަކު ނުފެނުނެވެ. މެންދުރާ ހަމައަށް ވެސް ވޯޓުލާން ނުކުތީ ނިސްބަތުން މަދު ބައެކެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި މެންދުރު 1:00 އާ ހަމައަށް ވޯޓު ލީ 94،197 މީހުންނެވެ. އެއީ، 50،772 ފިރިހެނުންނާއި 43،425 އަންހެނުންނެވެ.
މި އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހްމަދު ފަޔާޒް ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ބާއްވާ ތިން ވަނަ އާއްމު އިންތިޚާބުގައި އެކި މަރުކަޒުތަކަށް ބަލާލާ އިރު ފެންނަނީ ވޯޓުލުމުގެ ޝައުގުވެރި ކަމެއް ނެތް މަންޒަރެވެ. އެންމެ ފަހުން ބޭއްވި ދެ އާއްމު އިންތިޚާބާ އަޅާ ބަލާއިރު ވެސް މި އިންތިޚާބުގައި މެންދުރާ ހަމައަށް ވޯޓު ލާން ނުކުތް އަދަދު މަދު ކަން އޭނާ ފާހަގަކުރައްވަ އެވެ.
"އަޅުގަނޑު ވޯޓުލާން ދިޔައީ މެންދުރު 11 ޖެހި ފަހުން. އަޅުގަނޑު ވޯޓުލީ 170 ވަނަ އަށް. އެ ފޮއްޓަށް ވެސް 1،000 މީހުން ވޯޓުލާއިރު، މެންދުރުވި އިރު ތަރުހީބު ކުޑަ،" ފަޔާޒް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ތަރުހީބު ކުޑަ އެއް ސަބަބަކީ ސިޔާސީ ކަންކަން ދާ ގޮތުން ގިނަ ބަޔަކު ފޫހިވުން ކަމަށް ބެލެވެ އެވެ.
"ސިޔާސީ ލީޑަރުން ކަންކަން ކުރައްވާ ގޮތުން ނުވަތަ ކިބުރުވެރިކަމާއި މުނާފިގު ކަމުން ރައްޔިތުން މާޔޫސްވީ ކަމަށް ވެސް ވެދާނެ،" ފަޔާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުތަކާ އަޅާބަލާ އިރު އާއްމު އިންތިޚާބުގައި ވޯޓުލާން ނުކުންނަ އަދަދު މަދު ކަން ވެސް އޭނާ ފަހަގަކުރައްވަ އެވެ. އެކަމަކު މި އިންތިޚާބުގައި އެ ތަފާތު މާބޮޑަށް ފެނުމަކީ އޭނާގެ ވެސް ކަންބޮޑުވުން އޮތް ކަމެކެވެ.
އާ ގާނޫނުއަސާސީގެ ދަށުން 2009 ގައި ބޭއްވި އާއްމު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 212،559 މީހުންގެ ތެރެއިން 78 ޕަސެންޓް ވޯޓުލި އެވެ. އެއީ 166،105 މީހުންނެވެ.
އެންމެ ފަހުން، 2014 ގައި ބޭއްވި އިންތިޚާބުގައި ވޯޓުލީ 189،642 މީހުންނެވެ.
މާލެ އާއި އަތޮޅުތަކުގައި ފޯރިގަދަ ކެމްޕޭނަކަށް ފަހު ކުރިއަށް ގެންދާ އިންތިޚާބުގެ ވޯޓު ލުން މިއަދު 4:00 ގައި ބަންދުކުރާނެ އެވެ. ހަތަރެއް ޖަހާއިރު ކިޔޫގައި ތިބި އެންމެންނަށް ވޯޓު ލެވޭނެ އެވެ.
އެންމެ ފަހުން ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ދެއްކި ފޯރި އާއި ގިނަ އިރުތަކެއް ވަންދެން ކިޔޫގައި މީހުން ތިބުމުގެ މައްސަލަ އީސީން ވަނީ ހައްލުކޮށްފަ އެވެ. އެއީ، މި އިންތިޚާބުގައި ވެސް އެހާ ގިނަ އަދަދެއްގެ މީހުން ވޯޓު ލާން ނުކުންނާނެ ކަމަށް ލަފާ ކޮށްފަ އެވެ. އެކަމަކު ހީ ކުރި ވަރަށް ވުރެ މި އިންތިޚާބުގައި ތަރުހީބު ކުޑަ އެވެ.
ވޯޓު ފޮށި ބަންދު ކުރުމާ ހަމައަށް މަޑު ނުކޮށް، ވީހާވެސް އަވަހަކަށް ވޯޓު ލާން އިލެކްޝަންސް ކޮމިޝަނުން ވެސް އިލްތިމާސް ކުރެ އެވެ.
"އިލެކްޝަންސް ކޮމިޝަނުން އެދުމަކީ އެންމެ ފަހު ވަގުތަށް މަޑު ނުކުރައްވައި ވީހާވެސް އަވަހަކަށް ވޯޓުލުން،" ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، މި އިންތިޚާބަކީ ވެސް ކުރިއަށް އޮތް ފަސް އަހަރަށް މުހިއްމު އިންތިޚާބެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންވެގެން ދާނީ މި އިންތިޚާބުގެ ނަތީޖާ އަށެވެ. އެއާއެކު ރައްޔިތުންގެ އަޑު އިއްވުމަށް މަޖިލީހަށް ފޮނުވާ މަންދޫބުން ކަނޑައެޅަން އެ ދާއިރާއެއްގެ ރައްޔިތުންގެ ބައިވެރިވުން އެންމެ ފުރިހަމަ އަށް އޮންނަން ޖެހެ އެވެ. އެއީ، ޑިމޮކްރަސީގެ އަސާސީ ހައްގެކެވެ.