06 އެޕްރީލް 2019 - 12:23

އާންމު އިންތިޚާބުގެ ވޯޓުލުމާ ގުޅޭ ކަންކަން ކުރިއަށް ދަނީ ޖުމްލަކޮށް ރަނގަޅަށް ކަމަށް އެ އިންތިޚާބު މޮނީޓާ ކުރާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ އިންތިޚާބުގެ ކަންކަން ފެށިގެން ދިޔައީ ރަނގަޅަށް ކަމަށެވެ. އޭނާ ވިދާޅުވީ، އިންތިޚާބާ ގުޅޭ ކަންކަން ހާމަކަމާއި ހަމަހަމަކަމާ އެކު ކުރިއަށް ދާ ކަމަށެވެ. އަދި އިންތިޒާމުތައް ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވި ގޮތުގައި ހެނދުނު 8:00 ގައި ވޯޓުލާން ފެށިއިރު 99 ޕަސެންޓު މަރުކަޒުގައި ވޯޓުލުމަށް ބޭނުންވާ ތަކެތި ހަމައަށް ހުއްޓެވެ. އަދި ވޯޓުލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސް ގުނައި ޔަގީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓް ފޮށިތައް ހުރީ ވޯޓުގެ ސިއްރުކަން ކަނޑައެޅުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ކަމަށް ވެސް ވިދާޅުވި އެވެ.
"ހަތްދިހަ ހަ ޕަސެންޓު މަރުކަޒުތައް ހެނދުނު 8:10 ގެ ކުރިން ހުޅުވިފައިވޭ. ނުވަދިހަ ނުވަ ޕަސެންޓު މަރުކަޒުތައް ހެނދުނު ނުވައެއްގެ ކުރިން ހުޅުވިފައިވޭ. ވޯޓުލާން ފެށިއިރު ޖުމުލަކޮށް ހުރިހާ މަރުކަޒެއް ގައި ވެސް އޮފިޝަލުން ހަމައަށް ތިބިކަން ފާހަގަ ކުރަން،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓުލާން ފެށިއިރު، ގިނަ ފޮށިތަކެއްގެ ކައިރީ ސިޔާސީ ޕާޓީތަކުގެ އޮފިޝަލުން ތިބި ކަމަށެވެ. އެގޮތުން، އެމްޑީޕީގެ އޮބްޒާވަރުންގެ ތެރެއިން 78 ޕަސެންޓު ތިބިއިރު، ޕީޕީއެމްގެ 33 ޕަސެންޓު އޮބްޒާވަރުން ވޯޓުލާން ފެށިއިރު ވޯޓު ފޮށިތައް ކައިރީގައި ތިބި ކަމަށް ތޮލާލް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ އޮބަޒާވަރުންގެ ތެރެއިން 24 ޕަސެންޓް މީހުން ވޯޓުލާ މަރުކަޒުތަކުގައި ތިބި ކަމަށް ވިދާޅުވި އެވެ.
ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމަށް ފާހަގަ ކުރެވޭ އެއް ޕަސެންޓް މަރުކަޒުތައް އެ ޖަމިއްޔާ އިން ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން އަންނަ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
ވޯޓުލާން ފެށިއިރު، ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 81 ޕަސެންޓު ސަރަހައްދުގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަމުން ދިޔަ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
އިންތިޚާބު އޮބްޒާވް ކުރުމަށް އެ ޖަމިއްޔާގެ 350 އެއްހާ އޮބްޒާވަރުން، މާލެ އާއި އެކި ރަށްރަށުގެ އިތުރުން ސްރީ ލަންކާ އާއި މެލޭޝިއާ ގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ވޯޓުލާ ދުވަހުގެ ކަންކަމުގެ އިތުރުން އިންތިޚާބާ ގުޅޭ ހުރިހާ ކަމެއް މޮނީޓާ ކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ނިންމައިފަ އެވެ.