07 އެޕްރީލް 2019 - 07:01

ހުކުރު ދުވަހު ޝޫޓިން ފެށި އިރުފާން ހާންގެ "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި "އަނގްރޭޒީ މީޑިއަމް" އަށް ބަތަލާ ރާދިކާ މަދަން ސޮއިކޮށްފި އެވެ.
އެކަން އެ ފިލްމު ޕްރޮޑިއުސްކުރާ މެޑޮކް ފިލްމްސް އިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ޖޯދުޕޫރްގައި މިހާރު ޝޫޓިން ކުރިއަށްދާ ފިލްމުގައި ރާދިކާ ފެންނާނީ އިރުފާންގެ ދަރިއެއްގެ ރޯލުންނެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު، ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ ބޮލީވުޑަށް ތައާރަފުކުރި ފިލްމު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިންނެވެ.
ކުރިން ޓީވީ ސިލްސިލާތައް ކުޅުނު ރާދިކާ ބޮލީވުޑަަށް ތައާރަފުވީ މިދިޔަ އަހަރު ވިޝާލް ބަރަދްވާޖް ގެނެސް ދިން "ޕަޓާޙާ" އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއާ އެކު ތިން ފިލްމެއްގެ އެއްބަސްވުމެއް ހަދައިފަ އެވެ.
ލަންޑަނުގައި ވެސް މަންޒަރުތަކެއް ނަގަން ހަމަޖެހިފައިވާ "އަނގްރޭޒީ މީޑިއަމް" ގެ ކާސްޓުންގެ ތެރޭގައި ދީޕަޕް ދޮބްރިޔާލް އަދި މަނޫ ރިޝީ ވެސް ހިމެނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ހޯމީ އަދަޖާނިއާ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "އަނގްރޭޒީ މީޑިއަމް" ގައި ފުލުހެއްގެ ރޯލުން ކަރީނާ ކަޕޫރް ވެސް ފެންނާނެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވާ ބަތަލާ ކެޓްރީނާ ކެއިފް މިދިޔަ ހަފުތާގައި ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.
އޭނާ މި ފަހަރު ރާއްޖެ އައީ މަޝްހޫރު މަޖައްލާ އެލްގެ ފޮޓޯ ޝޫޓަކަށް އޭގެ ޓީމާ އެކީގަ އެވެ. މި ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ކެޓްރީނާ ވަނީ އިންސްޓަގްރާމާއި ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އިންސްޓަގްރާމުން އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 20 މިލިއަނަށް އެރިކަން ވެސް ފާހަގަކޮށް ފޭނުންނަށް ޝުކުރު އަދާކޮށް ކުޑަ ވީޑިއޯކޮޅެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.
ކެޓްރީނާ އާއި ސަލްމާން ހާން އެކީގައި ކުޅުނު 2005 ގެ ފިލްމު "މޭނާ ޕިޔާރް ކިޔު ކިޔާ" ގެ ލަވައެއް ވެސް ރާއްޖޭގައި ޝޫޓްކޮށްފައިވެ އެވެ.
ސަލްމާން ހާން ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް ޕްރޮޑިއުސް ކުރަން ނިންމައިފި އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ބިރުވެރި ފިލްމެއް ހެދުމަށްޓަކައި ސަލްމާން ވަނީ "އާދަމްޙޯރް" ގެ ނަމުގައި ނަން ވެސް ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ސަލްމާން އެންމެ ފަހުން ޕްރޮޑިއުސްކޮށް ގެނެސް ދިން ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި ލޯބީގެ ފިލްމު "ނޯޓްބުކް" އެވެ. އޭނާ މިހާރު "ދަބަންގް 3" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އެންމެ އަވަހަށް ދެން ސްކްރީނުން ފެންނާނީ އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އިންނެވެ.
ސަލްމާންގެ "ދަބަންގް" ސީރީޒްގެ އެންމެ ހާއްސަ އެއް ކަމަކީ ކޮންމެ ފިލްމެއްގައި ވެސް ފޯރި ގަދަ އައިޓަމް ލަވައެއް ހިމެނުމެވެ.
އެގޮތުން ފުރަތަމަ ފިލްމުގައި ފިލްމުގެ ޕްރޮޑިއުސަރު އަރްބާޒް ހާންގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާއާ އެކު "މުންނީ ބަދުނާމް" ގެ ނަމުގައި އައިޓަމް ލަވައެއް ގެނެސް ދިނުމަށް ފަހު، ދެވަނަ ބައިގައި ހިމެނީ ކަރީނާ ކަޕޫރް ފެނިގެންދާ "ފެވިކޯލް ސޯ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިހާރު ޝޫޓިން ކުރިއަށްދާ "ދަބަންގް 3" ގެ އައިޓަމް ލަވައަށް ދެ ބަތަލާއެއް ވަނީ ހޮވައިފަ އެވެ. އެއީ ސަނީ ލިއޯނީ އާއި މޯނީ ރޯއި އެވެ. ޑީއެންއޭ އިން ބުނި ގޮތުގައި ޑައިރެކްޓަރު ޕްރަބޫދޭވާ އާއި އަރްބާޒް ބޭނުން ސަނީ ލަވައަށް ނަގާށެވެ.
ނަމަވެސް ސަލްމާން ބޭނުން ވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ މޯނީ އަށް މި ފަހަރުގެ އައިޓަމް ލަވަ ދޭށެވެ. އެހެންވެ ބެލެވޭ ގޮތުން ފުރުސަތު ލިބޭނީ ސަލްމާން ބުރަވާ ތަރިއަކަށް ކަމަށް ބެލެވެ އެވެ.
ސޮނާކްޝީ ސިންހާ ބަތަލާގެ ރޯލް ކުޅޭ "ދަބަންގް 3" ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.