07 އެޕްރީލް 2019 - 07:01

ކުރިން މިދިޔަ ހުކުރު ދުވަހު ރިލީޒްކުރަން އޮތް އިންޑިއާގެ މިހާރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒްކުރުން ފަސްކޮށް ދޭން އެދި ކޯޓާއި އިންޑިއާގެ އިލެކްޝަން ކޮމިޝަނަށް ވެސް އެކި ފަރާތްތަކުން ހުށަހެޅުމާ ގުޅިގެން ފިލްމު މި މަހުގެ 11 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
ވިވެކް އޮބެރޯއީ މޯދީގެ ރޯލް ކުޅެފައިވާ ފިލްމު ރިލީޒް ކުރުން ފަސްކޮށް ދޭން އެދުނީ މި މަހުގެ 11 ގައި ފަށާ އާންމު އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ފިލްމު ރިލީޒް ކުރަން ނިންމުމަކީ ޕްރޮޕެގެންޑާ ފަތުރަން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
މިއީ މޯދީގެ ޕާޓީ ބީޖޭޕީ އަށް އިންތިހާބު ކާމިޔާބުކޮށް ދޭން މި ދަނޑިވަޅުގައި ކުރާ ކެމްޕޭނެއްގެ ގޮތުގައި ވެސް އިދިކޮޅު ފަރާތްތަކުން ސިފަކޮށްފައިވެ އެވެ.
ވެރިކަން ކުރާ ބީޖޭޕީން ބުނެފައިވާ ގޮތުގައި މި ފަހަރުގެ އާންމު އިންތިހާބުގައި އެ ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެ މަދުވެގެން 300 ގޮނޑި ކާމިޔާބު ކުރާނެ އެވެ.
މިހާރު ފިލްމު ރިލީޒް ކުރާ ތާރީހަށް ގެނައި ބަދަލާ އެކު "ޕީއެމް ނަރެންދުރަ މޯދީ" ސިނަމާތަކުގައި ދައްކަން ފަށާނީ އާންމު އިންތިހާބުގެ ވޯޓްލުން ފަށާ ދުވަސް ކަމަށްވާ މި މަހުގެ 11 ވަނަ ދުވަހު އެވެ.
މި ފިލްމި އެންމެ ފުރަތަމަ ތާވަލު ކުރީ މި މަހުގެ 12 ގައި ރިލީޒް ކުރާ ގޮތަށެވެ. އެކަމަކު ފަހުން 5 އަށް ތާރީހު ބަދަލު ކުރުމުން އިދިކޮޅު ޕާޓީ ކޮންގްރެސް އިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
"ޕީއެމް ނަރެންދުރަ މޯދީ" އަކީ އޮމަންގް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.