06 އެޕްރީލް 2019 - 09:14

ބާސެލޯނާ (އޭޕްރިލް 6) – ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ބާސެލޯނާގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށާއި އޭނާ އަނބުރާ ގެނެވިއްޖެ ނަމަ އެކަން ވެގެންދާނީ ކްލަބާއި ކުޅުންތެރިންނަށް ވަރަށް ބޮޑު ފައިދާއަކަށް ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.
ބާސެލޯނާގެ ކުރީގެ ކެޕްޓަން ގާޑިއޯލާގެ ކާމިޔާބު ކޯޗިން ކެރިއަރު ފެށީ އެ ކްލަބުންނެވެ. އެގޮތުން 2008 އިން 2012 އަށް އެ ކްލަބަށް 14 ތަށި ކާމިޔާބުކޮށްދިނެވެ. އޭގެ ފަހުން ބަޔާން މިއުނިކުގައި އަދި މިހާރު މެންޗެސްޓާ ސިޓީގައި އަންނަނީ ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުންނެވެ.
ގާޑިއޯލާ ދާދި ފަހުން ބުނީ ބާސެލޯނާގެ މަޝްހޫރު ލަ މަސިއާ ޔޫތު އެކަޑަމީގެ ކޯޗެއްގެ ގޮތުގައި ކެރިއަރު ނިންމާލަން ބޭނުންވާ ކަމަށެވެ. ބާޓޮމެއޫ ވިދާޅުވީ ބާސެލޯނާ އިން އާ ކޯޗެއް ހޯދާ ނަމަ އެންމެ ފުރަތަމަ ވެސް ޝޯޓްލިސްޓްކުރަނީ ގާޑިއޯލާ ކަމަށެވެ. އެކަމަކު ޔޫތު އެކަޑަމީގެ ކޯޗެއްގެ ގޮތުގައި ގާޑިއޯލާ އަތުވެއްޖެ ނަމަ އެއީ ވެސް ކްލަބަށް ލިބޭނެ ފައިދާއެއް ކަމަށާއި ހެޑްކޯޗުކަމުން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމުން ވެސް ލަ މަސިއާއާ ހަވާލުވާން އޭނާ ގާތު އެދުނު ކަމަށް ބާޓޮމެއޫ ވިދާޅުވި އެވެ.
"ކްލަބުގެ ފިލޯސަފީ އާއި ކުޅުމުގެ ސްޓައިލް އޭނާ އަށް ވަރަށް ސާފު. އޭނާ އަނބުރާ ގެނެވިއްޖެ ނަމަ އެއީ ކްލަބާއި ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ފައިދާއަކަށް ވާނެ،" ބާޓޮމެއޫ ވިދާޅުވި އެވެ. "އޭނާ އަށް އެނގޭނެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައިކަން. އެއްވެސް މީހަކު ނުބުނޭ އޭނާ ގާތު ކްލަބް ދޫކޮށްލަން. އޭނާ ކުރިމަގުގައި އަތުވެދާނެ."